ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތ. އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ތ. އަތޮޅުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކައުންސިލުން ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު، ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފަ އެވެ.

ތ. އަތޮޅު ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި އިގްތިސޯދީ ގޮތުންނާއި އުމްރާނީ ގޮތުން އަތޮޅަށް ތަރައްގީ ގެނައުމުގައި ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި އެވެ. ހާއްސަ ގޮތެއްގައި އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަކީ ހުރިހާ ރައްޔިތުންގެވެސް ވަރަށް ބޮޑު އެދުމެއްކަން ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ވިޔަފާރި ތ. އަތޮޅަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލު ކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުގެ ތަރައްގީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.