ސިއްހީ ދާއިރާއިން ދިރާސާ ހެދުމަށް މިއަހަރުގެ މިހާތަނަށް 36 ޕްރޮޕޯސަލެއް ބަލައިގެންފައިވަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މޯލްޑިވްސް ހެލްތު ރިސާޗުގެ މިއަހަރުގެ ބުލެޓިން އިފްތިތާހު ކުރުމަށް މިއަދު ބެއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ދިރާސާގެ ދާއިރާ އަކީ މި ދާއިރާގައި މަސައްކަތް ކުރުމަށް ވަރަށް ގިނަ ދުވަސްތަކެއް ވެންދެން ވިސްނައި އެކަމަކާއި މެދު މަޝްވަރާތައް ކުރެވިފައިވާ ދާއިރާއެއް ކަމަށެވެ.

"އެހެންނަމަވެސް މިހާތަނަށް އައި އިރު އެންމެ އެކަށޭނެ މިންވަރަށް އެކަން ކުރެވިފައި ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަމުގައި ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް އެކަން ފުޅާކުރުމަކީ މިނިސްޓްރީގެ އަދި މި ސަރުކާރުގެ ވެސް ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާއިން ދިރާސާ ކުރުމުގެ ގަވާއިދުތައް ހަރުދަނާކޮށް މިކަމަށް ބޭނުންވާ އެހެން ކަންކަންވެސް މަގުފަހިކޮށްދިނުމަކީ ކުރައްވާނެ ކަމެއް ވިދާޅުވި އެވެ. އެގޮތުން ދިރާސާ ކުރުމަށް ބޭނުންވާ ބަޖެޓު ބޮޑުކޮށް މާލީގޮތުން މަގުފަހި ކޮށްދިނުމަކީވެސް ކުރައްވާނެ ކަމެއް ކަމަށާއި މީގެ އިތުރަށް މި އަހަރުގެ މިހާތަނަށް ސިއްހީ ދާއިރާއިން ދިރާސާ ކުރުމަށް އެދިގެން ހުށަހަޅާފައިވާ 36 ފަރާތަކަށް މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަކީވެސް މިހާރު ވަރަށް ބޮޑަށް ތަރައްގީވެ ފުޅާވަމުން އަންނަ ދާއިރާއެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ސިއްހީ ދާއިރާގެ މައުލޫމާތުތައް އެންމެ ފުރިހަމައަށް ލިބިގެން ދިޔުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި ސިއްހީ ދާއިރާގެ ދިރާސާތައް ހަދައި އާންމު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކޮންމެ އަހަރުވެސް ބައިނަލްއަގުވާމީ ސިއްހަތު ދުވަހާ ގުޅިގެން މި ނެރޭ މޯލްޑިވްސް ހެލްތު ރިސާޗު ބުލެޓިންއަކީ އެގޮތުން ވަރަށް ފައިދާ ކުރާ އެއްޗެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.