އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ ބޭންކް އަކައުންޓުން އަމިއްލަ އެކަންޓަށް ފައިސާ ޖަމާވުމުގެ ސަބަބުން ސަސްޕެންޑް ކުރި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި އެވެ.

މަހުލޫފްގެ ސަސްޕެންޝަން އުވާލުމުން އޭނަ ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 14 އިން ފެށިގެން ސަސްޕެންޝަނުގައި ހުންނެވި މަހުލޫފް ސަސްޕެންޑްކުރީ އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނުމުންނެވެ. އެކަމަކު މަހުލޫފް ވިދާޅުވީ އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވަނީ ޑޮލަރު ގަތުމަށް ހިންގެވި ސައްހަ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ. އަދި އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރްސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

މިމައްސަލައާ ގުޅިގެން މިދިޔަ ފެބުރުއަރީ މަހު މަހުލޫފް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ އެސްއޯއެފްއާއެކު ހިންގި މުއާމަލާތަކީ ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖް މުއާމަލާތެއް ކަމަށެވެ. އަދި އެ މުއާމަލާތަކީ އޭނާގެ އާއިލާއިން "ދަ ޖީންސް"ގެ ނަމުގައި ފިހާރައެއް ހިންގިއިރު، އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުބީން މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގެވި ސައްހަ ކަރަންސީ އެކްސްޗޭންޖް މުއާމަލާތެއް ކަމަށްވެސް ވިދާޅުވި އެވެ.

ރަސްމީ މަސައްކަތްތަކާ މިއަދު އަލުން ހަވާލުވެވަޑައިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތެދުވެރިކަމާ އެކު މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ. އޭސީސީ އަދި ޕޮލިސް އިން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރެއްވުމަށްފަހު ރައީސް އިބްރާހިމް ސޯލިހް، އޭނާއަށް އިތުބާރު ކުރައްވާ އަލުން ރަސްމީ މަސައްކަތަށް ނެރެދެއްވި ކަމަށްޓަކައި މަހްލޫފް ވަނީ ރައީސް އަށް ޝުކުރު ދަންނަވާފަ އެވެ.

މަހުލޫފް ސަސްޕެންޝަންގައި ހުންނެވި އިރު ޔޫތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މީގެ ކުރިން ވަރަށް ފާޅުގައި ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުއްލެވި މިނިސްޓަރު މަހުލޫފް ވަނީ އެމަނިކުފާނު ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ތުހުމަތެއްކުރެވޭނަމަ އެކަމެއް ތަހުގީގުކުރުމަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށްވެސް މިނިސްޓަރު މަހުލޫފް ގެންދެވީ ވިދާޅުވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނާއި ފަަސާދައާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލެއްވި އެއް ބޭފުޅަކީވެސް މިނިސްޓަރު މަހުލޫފެވެ. އެކަންކަމާއި ގުޅިގެން އެތައް ފަހަރަކު މަހުލޫފް ހައްޔަރުކޮށްފައިވާއިރު، އަހަރު ދުވަސްވަންދެން ޖަލުގައިވެސް ދުވަސްތައް ވަނީ ހޭދަކުރައްވަން ޖެހިވަޑައިގެންފަ އެވެ. ކޮރަޕްޝަނާއި ފަަސާދަ އަދި އަނިޔާވެރިކަމާއި ދެކޮޅަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަވައިގެން މަހުލޫފް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި މަހުލޫފް ހިމެނިވަޑައިގެންނެވި އެވެ. އަދި މިކަންކަމާ ދެކޮޅަށް މަހްލޫފް ކުރެެއްވި މަސައްކަތްތައް ބަލައިގަނެ ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުގެ ބައެއް އެވޯޑްތައް ވެސް މަހްލޫފަށް ވަނީ ލިބިވަޑައިގެންފަ އެވެ.