ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ފަސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީއަށް ސީއެސްސީގެ މެންބަރުން ހާޒިރުކުރުމަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމްގެ މެންބަރުންނެވެ.

އެނގިފައިވާ ގޮތުގައި ސީއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމީ ޝަރުތު ހަމަނުވާ ބަޔަކު ސިވިލް ސާވިސްގެ އެކި މަގާމުތަކަށް ހަމަޖެއްސި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ އެކަން ބެލުމަށެވެ. އެހެންނަމަވެސް މިއަދުގެ ބައްދަވުމުގައި ސީއެސްސީގެ މެންބަރުން ހާޒިރުކުރާނެ ވަކި ދުވަހެއް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކަނޑައަޅާފައެއް ނުވެ އެވެ.

ސީއެސްސީގެ ފަސް މެންބަރުންނަކީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު ފާތިމަތު އާމިރާއާއި އިބްރާހިމް ޝަހީގް އަދި ޒަކަރިއްޔާ ހުސައިނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފެނަކަ ކޯޕަރަޝަންގެ ވެރިން ވެސް ހާޒިރުކޮށް، އެ ކުންފުނީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި ކަމަށް ބުނާ މައްސަލައެއްގައި ސުވާލުކޮށްފަ އެވެ. މިއީ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ކުންފުންޏެއްގެ ވެރިންތަކެއް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.