ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ސަސްޕެންޝަން ވެސް އުވާލައިފި އެވެ.

އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން މިދިޔަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ސަސްޕެންޑް ކޮށްކުރި އަކްރަމްގެ ސަސްޕެންޝަން އުވާލި ކަން ވީނިއުސްއަށް ކަށަވަރު ކޮށްދިނީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު އެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހޫދު ނުދެއްވައެވެ.

ރައީސް މުހައްމަދު ނަޝީދާއި ވަރަށް ގާތްގުޅުމެއް އޮންނަ އަކްރަމް ސަސްޕެންޑް ކުރީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި އޮތުމުންނެވެ. އަދި މިކަމާ ގުޅިގެން މިވީހާތަނަށް އަކުރަމް މީޑިއާގައި އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފަހަގަ ކޮށްލެވެއެވެ.

އެމްއެމްޕީއާރުސިގެ ހިޔާނާތުގެ ރިޕޯޓު އޭސީސީ އިން މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އާންމު ކުރި އިރު، އަކްރަމްގެ އިތުރުން ދެން ސަސްޕެންޑް ކުރީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އާއި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް އަދި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު އާޒިމް އެވެ. މި ހަތަރު ބޭފުޅުންގެ ތެރެއިން އަދި ސަސްޕެންޝަން އުވާ ނުލަނީ މައުސޫމް އާއި އާޒިމް އެކަނި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ ވީނިއުސްއަށް ކަށަވަރު ކޮށްދީފައެވެ.