އެމްޕީއެލްގެ މުވައްޒަފުން އިތުރަށް ތަމްރީނު ކުރުމުގެ ގޮތުން ޓިވެޓާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެކި ދާއިރާތަކުގެ ކޯސްތައް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މިތަމްރީން ޕްރޮގްރާމު މިއަދު އިފްތިތާހު ކުރުމަށްފަހު އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީ ހިންގުމާ ހަވާލުވެ ހުންނެވި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މުވައްޒަފުން ނަގާއިރު ތަމްރީން ލިބިފައިވާ ވަޒީފާއަށް ގާބިލް މުވައްޒަފުުން ހޯދުމަކީ ދަތި ކަމެއް ކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އާއި މި ދާއިރާގެ އެހެން މުއައްސަސާތަކުން ވަޒީފާތަކަށް ދާނެ ޒުވާނުން ތަމްރީނު ކުރެވިގެން ދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް އަކީ ވަރަށް ގިނަ ދާއިރާތަކަށް މުވައްޒަފުން ބޭނުންވާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެމްޕީއެލްއަކީ ވިޔަފާރި އުސޫލުން ހިންގާ ބަނދަރެއް ހިންގާ މުއައްސަސާއަކަށް ވުމުން މެރިޓައިމް ދާއިރާ، އިންޖިނިއަރިން އަދި ޓެކްނިކަލް، މެކޭނިކަލް ދާއިރާ ފަދަ ވަރަށް ގިނަ ދާއިރާތަކަށް މުވައްޒިފުން ބޭނުންވާ ކަމަށެވެ.

ޓިވެޓް އޮތޯރިޓީގެ ފަރާތުން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ މި ޕްރޮގްރާމްތަކަކީ ފެންވަރު ބެލިގެން ހިންގާ ޕްރޮގްރާމްތަކެއް ކަމަށާއި، އަދި މި ޕްރޮގްރާމްތަކަކީ ފެންވަރު ޔަގީން ކުރެވިފައިވާ ޕްރޮގްރާމްތަކެއް ކަމަށް ހެދުމަކީ ޓިވެޓް އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާނުންނަށް ހާއްސަކޮށް އެމްޕީއެލްގައި ފުލްޓައިމް ޓްރެއިނިންގް ޕްރޮގްރާމެއް ހިންގާނެ އެވެ. މި ޕްރޮގްރާމްގައި އެކި ދުވަސްތަކަށް ބަހާލައިގެން 100 އަށް ވުރެ ގިނަ އިންޓާންޝިޕް ހިމަނައިގެން ތަމްރީންތައް ދޭނެ އެވެ.

އެމްޕީއެލްގެ އިތުރުން އިތުރު ފަސް ކުންފުންޏެއްގައިވެސް ޓިވެޓުން އަންނަނީ މިފަދަ ޕްރޮގަރާމްތައް ހިންގަމުންނެވެ.