ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އާއިލާގެ މީހުންގެ މާލީ ހިސާބުތައް ހުށަހަޅަން ޖެހޭ ގޮތަށް ބައެއް މުއައްސަސާތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި މަޖިލީހަށް ހުށަހެޅުއްވީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނުގެ އިތުރުން އޮޑިޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެނެސް އެ ކޮމިޝަންތަކުގެ މެންބަރުންގެ އާއިލާ މީހުންގެ މާލީ ހިސާބުތައް ހުށަހަޅާ ގޮތަށް ހެދުމަށެވެ.

މިގޮތުން އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެންނަން އިސްލާހު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިސްލާހު ހުށަހެޅުއްވިއިރު ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އިސްލާހު ހުށަހެޅުއްވިއިރު އޮޑިޓް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުތަކުގައިވާ ގޮތުން ކޮމިޝަނެއްގެ މެންބަރަކު ކައިވެނިކޮށްގެން އުޅޭނަމަ އޭނާގެ ބެލުމުގެ ދަށުގައިވާ ދަރިންނާއި، ބަލަހައްޓަމުން ގެންދާ މީހުންގެ މާލީ ހިސާބުތައް އޮޑިޓަ ޖެނެރަލަށް ފޮނުވަން ޖެހޭނެ އެވެ. މާލީ ހިސާބުތައް ތައްޔާރުކުރަން ޖެހޭނީ އޮޑިޓަ ޖެނެރަލް ކަނޑައަޅައި އިއުލާންކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ކަމަށް ވެސް އިސްލާހުގައިވެ އެވެ.