ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު "ނަފްރަތުވުމުން"ގެ ވަދާއީ ޝޯތައް ދައްކަމުންދާއިރު، މިރެއާއި މާދަމާ ރޭ ދައްކާނީ އެންމެ ފަހުގެ ދެ ޝޯއެވެ.

ކާމިޔާބު ލޯބީގެ ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު ޑައިރެކްޓްކޮށްފައިވާ "ނަފުރަތުވުމުން"ގެ ވަދާއީ ޝޯތަކާއި ގުޅޭގޮތުން ޔޫއްޕެ ބުނީ ފިލްމު އަޅުވަން އޮލިންޕަސް ލިބުނީ އެންމެ 10 ދުވަހަށްކަމަށެވެ. އިތުރު މުއްދަތެއް މިވަގުތު އޮލިންޕަހުގެ ޝެޑިއުލް އޮތްގޮތުން ލިބެން ނެތްކަމަށެވެ.

ްއެހެންކަމުން އަސަރުން ފުރިގެންވާ "ނަފްރަތުވުމުން"ގެ ވަދާއީ 3 ޝޯ އޮންނާނީ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ ރެއެވެ. ވީމާ މިރެއާއި މާދާމާ ރޭ އޮންނާނީ "ނަފުރަތުވުމުން"ގެ އެންމެ ފަހު 2 ޝޯއެވެ.

ޔޫއްޕެވަނީ ފިލްމު ނުބަލާ ތިބި ބެލުންތެރިން އަވަހަށް ޓިކެޓް ނެގުމަށް އެދިފައެވެ.

"ނަފުރަތުވުމުން" ފާހަގަކުރެވިފައިވަނީ މިފަހުން އޮލިންޕަހަށް އައި އެންމެ މޮޅު ފިލްމުގެ ގޮތުގައެވެ. ހަމަ ޔަގީނުންވެސް ލޯތްބާއި، ހިތާމަ އެކުލެވޭ މިފަދަ މޮޅު ފިލްމެއް މިފަހުން އޮލިންޕަހަކަށް ނާދެއެވެ. މިއީ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ވޭނާއި ރިހުން އިންތިހާއަށް ދައްކުވައިދީފައިވާ މޮޅު ފިލްމެކެވެ.

މިހާތަނަށް އޮލިންޕަހުން ފިލްމު ބެލި ގިނަ މީހުން ވަނީ އެ މީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ކޮންމެ ބެލުންތެރިއަކުވެސް ވަނީ ފިލްމުގެ ޑައިރެކްޓަރު ޔޫއްޕެއަށް ތައުރީފުކޮށްފައެވެ. އަދި މިއީ ޔޫއްޕެ މިހާތަނަށް ގެނެސްދިން އެންމެ މޮޅު ފިލްމުކަމަށް ގިނަ ބަޔަކު ދެކެއެވެ.

މީގެ އިތުރުން ފިލްމުގައި ހިމެނޭ ތަރިންގެ އެކްޓިންނަށްވެސް ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.