ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަސްވެރިން ކުރާނަމަ ފިޝަރީޒް މިނިސްޓްރީން ދޫކުރާ ހުއްދައެއް ނުވަތަ ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ހުށަހެޅުއްވި ބިލުގައިވާ ގޮތުން ކުޅިވަރުގެ ބޭނުމަށް ނުވަތަ އެހެން ބޭނުމަކަށް ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި މަސްރޭސް ފަދަ މުބާރާތްތައް ބޭއްވޭނީ ވެސް ފިޝަރީޒް މިނިސްޓްރީގެ ހުއްދައެއް ހޯދައިގެންނެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުއްދަ ހޯދައިގެން ބޭނުން ކުރެވޭ ގޮތަށް ބިލުގައި ކަނޑައަޅާފައިވެ އެވެ. މިގޮތުން މަސްވެރިކަން ކުރުމަށް ދިވެހިންނަށް އަދި ބޭރުގެ ފަރާތްތަކަށް ވެސް ހުއްދަދީ ލައިސަންސް ދޫކުރެވޭނީ ފީއެއް ދައްކައިގެން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެހެން ނަމަވެސް ހުއްދަ ހޯދުމަށް ދައްކަން ޖެހޭ ފީގެ މިންވަރެއް ބިލުގައި ކަނޑައަޅާފައެއް ނުވެ އެވެ. އަދި ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްފިނަމަ ފިޔަވަޅު އެޅޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވީ ނަމަވެސް އަޅާނެ ފިޔަވަޅުތަކެއް ބިލަކު ނެތެވެ.

ބިލުގައިވާ ގޮތުން ބިލު ގާނޫނެއްގެ ގޮތުގައި ތަންފީޒު ކުރަން ފަށާ ފަހުން ގާނޫނުގެ ދަށުން ގާވައިދުތައް ހެދުމުގެ ބާރުތައް ފިޝަރީޒް މިނިސްޓްރީއަށް ލިބޭނެ އެވެ. މިގޮތުން ހުއްދަ ހޯދުމަށް ދައްކަން ޖެހޭ ފީގެ މިންވަރާއި ހުއްދަ ނުހޯދާ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ކަނޑައަޅާނީ ވެސް ފިޝަރީޒް މިނިސްޓްރީން ހަދާ ގަވާއިދުގެ ތެރެއިން ކަމަށް ބިލުގައިވެ އެވެ.

މި ބިލުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބޭރުން ދިވެހިން މަސްވެރިކަން ކުރުން ވެސް މަނާކުރެ އެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން ދޫކުރާ ސައްހަ ލިޔުމެއް އޮވެ، ބައިނަލްއަގްވާމީ މުއާހަދާތަކާއި ގަރާރުތަކާއި ހިލާފު ނުވާ ގޮތަށް ރާއްޖޭގެ ކަނޑުން ބޭރުން މަސްވެރިކަން ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލު މަޖިލީހުން ފާސްކޮށްފިނަމަ ރާއްޖޭގައި މަސްވެރިކަން ކުރާ އޮޑިފަހަރުތަކަށް މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސް އޮވެގެންނެވެ. އަދި މިނިސްޓްރީން ލައިސަން ދޫކުރާނީ ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ ފީ ދެއްކުމުންނެވެ.