ޕެރޫގެ ކުރީގެ ރައީސް އެލަން ގާސިއާ ހައްޔަރުކުރުމަށް އެބޭފުޅާގެ ގެކޮޅަށް ފުލުހުން ދިއުމުން އަމިއްލަ ގަޔަށް ބަޑިޖަހައިގެން އަވަހާރަވެއްޖެ އެވެ.

ފުލުހުން ގާސިއާ ހައްޔަރުކުރަން ދިޔައީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި ރިޝްވަތާއި ގުޅޭ މައްސަލައެއްގެ ތަހްގީގަށެވެ. އަމިއްލަ ހަށިކޮޅަށް ބަޑިޖެއްސެވުމުގެ ސަބަބުން ލިބުނު ޒަހަމްތަކާއި ގުޅިގެން ވެރިރަށް ލިމާގެ ހޮސްޕިޓަލަށް ގާސިއާ ގެންދެވިފަހު އޭނާ އަވަހަރާވި ކަން އެގައުމުގެ މިހާރުގެ ރައީސް މަޓިން ވިޒްކާރާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އުމުރުން 69 އަހަރުފުޅުގެ ގާސިއާ ހައޔަރުކުރުމަށް ކޯޓުއަމުރެއް ނެރުނީ މިއަދެވެ. ގާސިއާގެ ހަށިކޮޅު ގެންދެވުނު ހޮސްޕިޓަލްގެ ކައިރިއަށް އޭނާގެ ސަޕޯޓަރުން ޖަމާވިކަމަށް އެގައުމުގެ މީޑިއާތަކުން ހަބަރުދެއެވެ.

ގާސިއާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައަކީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމުގައިވާ "އޮޑެބްރެޗް" ގެ އަތުން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތެވެ. އެހެންނަމަވެސް އެ ތުހުމަތަށް ގާސިއާ ވަނީ އިންކާރު ކުރައްވާފައެވެ.

ކޯޓު އަމުރެއްގެ ދަށުން ގާސިއާ ހައްޔަރުކުރުމަށް ފުލުހުން ދިއުމާއެކު އަމިއްލަ ހަށިކޮޅަށް ބަޑިޖެއްސެވީ ގާސިއާގެ ހާޒިރުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

އިންޓީރިއާ މިނިސްޓަރ ކާލޯސް މޯރަން ވިދާޅުވީ ގާސިއާ ހައްޔަރުކުރުމަށް ފުލުހުން އެގެއަށް ހާޒިރުވިވަގުތު ފޯނު ކޯލެއް ކުރައްވަން ބޭނުންފުޅު ކަމަށް ވިދާޅުވެ ކޮޓަރިކޮޅަށް ވެންނެވި ކަމަށެވެ.

އަދި ކޮޓަރިކޮޅުގެ ދޮރު ލެއްޕެވިފަހުން މިނިޓްކޮޅެއްގެތެރޭގައި ބަޑީގެ އަޑު އިވުނު ކަމަށެވެ. އެއަށްފަހު ފުލުހުން ދޮރުހުޅުވި އިރު ގާސިއާ އިންނެވީ ގޮނޑިއެއްގައި އިށީންދެވަޑައިގެންކަމަށާއި، އޭރު ބޮލަށް ވަޒަން އަރާފައިވާ ކަމަށެވެ.

ގާސިއާ ޕެރޫގެ ރައީސްކަން ކުރައްވާފައިވަނީ 1985 އިން 1990 އަށް އަދި 2006 އިން 2011 އަށެވެ.