އަލަށް ފަށާ ވިޔަފާރިތަކަށާއި، މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން އިތުރު ދެ ލޯނެއް ތާރަފްކޮށްފިއެވެ.

އެސްޑީއެފްސީން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އަލަށް ވިޔަފާރި ފަށައިގަންނަން ބޭނުންވާ ފަރާތްތަކަށާއި، މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން "ފަށާ ވިޔަފާރި" އަދި "ވިޔަފާރި ތަރައްގީ" ގެ ނަމުގައި އިތުރު ދެ ލޯނެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

އެސްޑީއެފްސީން އާންމުކޮށްފައި ބަޔާނުގައި ބުނެފައިވަނީ، އެ ލޯނުތައް ދޫކުރާނީ ހަތަރު ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދުގެ އިންޓަރެސްޓް ރޭޓެއްގައި ކަމަށާއި ގިނަވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. ލޯނުގެ އަދަދާއި ވިޔަފާރިއަށް ބެލުމަށްފަހު، ރަހުނަކާ ނުލައި ވެސް ލޯނު ދޫކުރެވޭނެ ކަމަށް ވެސް އެސްޑީއެފްސީން ވަނީ ބުނެފައެވެ. އަދި ލޯނު ދޫކުރެވޭނެ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައެޅޭނީ ލޯނު އެޕްލިކޭޝަންތަކާއި ވިޔަފާރީގެ ރިސްކު އަދި ފީސިބިލިޓީއަށް ބެލުމަށްފަހު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އާ ދެ ލޯނާ އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޖުމުލަ ހަ ލޯނެއް އެސްޑީއެފްސީން ދޫކުރެއެވެ. އޭގެ ސަބަބުން ކުދި ވިޔަފާރިތަކަށް ލޯނު ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ. އަދި އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައްވެސް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި ލޯނުތަކާ ބެހޭ މައުލޫމާތާއި، އެޕްލިކޭޝަން ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓުން މިހާރު ލިބެން އެބަހުއްޓެވެ.

އެސްޑީއެފްސީ އަކީ މިސަރުކާރުގެ އެއް ވައުދު ކަމުގައިވާ އެންމެ ކުދި ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސައިދިނުމުގެ ގޮތުން ގާއިމްކޮށްފައިވާ ކުންފުންޏެކެވެ.