ނޮދަން އަޔަލެންޑްގެ ލަންޑަންޑެރީގައި ހިނގި ހަމަނުޖެހުމެއް ކަވަރު ކުރަމުން ދިޔަ ނޫސްވެރިއެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.

މަރާލާފައިވަނީ އުމުރުން 29 އަހަރުގެ ލައިރާ މެކްކީ ނަމަކަށް ނިޔާ އަންހެން ނޫސްވެރިއެކެވެ. ފުލުހުން ބުނީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި، އެ ނޫސްވެރިޔާ ގަޔަށް ބަޑިޖެހިކަމަށް ލަފާކުރެވެނީ "ދަ ނިއު އީރާ" ކިޔާ ގްރޫޕަކުންކަމަށެވެ.

ލައިރާގެ ގަޔަށް ބަޑިޖަހާ އޭނާ މަރާލީ ރޭ ދަންވަރު ހިނގަމުންދިޔަ ހަމަނުޖެހުންތަކެއް ކަވަރު ކުރަމުންދަނިކޮށެވެ.

ނޮދަން އަޔަލެންޑްގެ ފުލުހުންގެ އިދާރާގެ އެސިސްޓެންޓް ޗީފް ކޮންސްޓަބަލް މާކް ހެމިލްޓަން ވިދާޅުވީ ނޫސްވެރިޔާ ލައިރާ މަރާލީ ވަރަށް އަނިޔާވެރިގޮތަކަށް ކަމަށާއި، އާންމުގެތެރެއަށް ބަޑި ފަދަ ހަތިޔާރު ވައްދައިގެން ގައުމުގެ ހަމަނުޖެހުން ނަގާލާފައިވާ ކަމަށެވެ.

އަދި އާންމުންނަށް ނުރައްކަލާއި ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ހަމަލާދޭ ގުރޫޕުތަކުން ހަމަލާދެނީ އާންމުންނަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ކަމަށެވެ.

މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ހެމިލްޓަން ވިދާޅުވިއެވެ.

ލައިރާގެ ގަޔަށް ވަޒަން އެރުމާއިއެކު އޭނާ ބިންމައްޗަށް ވެއްޓުނީ އެސަރަހައްދުގައި އޮތް ފުލުހުންގެ ވެހިކަލެއްގެ ކައިރިއަށެވެ. ލައިރާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ވެހިކަލްގައި ކަމަށް އެތަނުގައި ހުރި މީހަކާއި ހަވާލާދީ ބީބީސީން ބުނެއެވެ.