ބައިނަލްއަގްވާމީ ގައުމުތަކުގެ މެދުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ވަޒަންކޮށް ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ގައި ދިވެހިރާއްޖެ 22 ދަރަޖަ ކުރިޔަށް ޖެހިލައިފި އެވެ.

180 ގައުމެއް ހިމަނާފައިވާ މި އިންޑެކްސްގައި މިއަހަރު ރާއްޖެ އޮތީ 98 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 120 ވަނައިގައެެވެެ. ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ އިންޑެކްސް އަކީ ބައިނަލްއަގްވާމީ ޖަމްއިއްޔާ 'ރިޕޯޓާސް ވިތްއައުޓް ބޮޑާސް' އިން ނެރޭ ރިޕޯޓެކެވެ.

ރިޕޯޓާސް ވިތްއައުޓް ބޯޑާސްއިން ބުނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރަމުން އަންނަނީ ސިޔާސީ ގޮތުން އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

އައު ސަރުކާރު އައިފަހުން ރާއްޖެ ނޫސްވެރިކަމުގެ މިނިވަންކަމުގެ 22 ދަރަޖަ ކުރިއަށް ޖެހިފައިވާއިރު ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ ދަރަޖަ ދިޔައީ ފަހަތަށެވެ.

ޕްރެސް ޕްރީޑަމް އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގައި އޮތް އިރު 2017 ވަނަ އަހަރު އޮތީ 117 ވަނައިގައެވެ.

2016 ވަނަ އަހަރާ 2015 ވަނަ އަހަރު ރާއްޖެ އޮތީ 112 ވަނައިގައެވެ.

އަދި 2014 ވަނަ އަހަރު 108 ވަނައިގައި ރާއްޖެ އޮތްއިރު 2013 ވަނަ އަހަރު ރާއްޖެ އޮތީ 103 ވަނައިގައެެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް ގާނޫނު ހަދާ މަޖިލީިހުން ފާސްކޮށް ރައީސް ޔާމީން ތަސްދީގު ކުރައްވާފައިވާ އަބުރާ ބެހުމުގެ ޤާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަނީ އުވާލައްވާފައެވެ.