އުތުރުކޮރެއާ އާއި އެމެރިކާ އާއި ދެމެދު ބާއްވަމުން އަންނަ ނިއުކުލިއާ މަޝްވަރާތަކުގައި ބައިވެރިވަޑައިގަންނަވާ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ މަޝްވަރާތަކުން ވަކިކޮށްދިނުމަށް އުތުރު ކޮރެއާއިން އެދިއްޖެއެވެ.

އުތުރު ކޮރެއާގެ ޚާރިޖީ ވުޒާރާގެ ސީނިއާ އޮފިޝަލެއް ކަމުގައިވާ ވޮން ޖޮން-ގޮން ވިދާޅުވީ ނިއުކްލިއާ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވަޑައިގަންނަވާ މަންދޫބު ޕޮމްޕޭ ކުރިޔަށްހުރި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ އެމަޝްވަރާތައް ވެގެންދާނީ ތާކުންތާކު ނުޖުހޭ ވާހަކަތަކަކަށް ކަމަށެވެ.

އެހެންކަމުން ބަދަލުގައި އެމެރިކާއިން ޕޮމްޕޭ އަށްވުރެެ ފަރުވާތެރި ބޭފުޅަކު މަޝްވަރާތަކުގައި ބައިވެރިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އުތުރުކޮރެއާގެ އޮފިޝަލް ވިދާޅުވިއެވެ.

އެހެން އޮފިޝަލަކު ހަމަޖައްސަވައިދެއްވުމަށް އެދޭ ކަމަށް އުތުރު ކޮރެެއާއިން އެދިފައިމިވަނީ އެގައުމުން އާ ހަތިޔާރެއް ޓެސްޓު ކުރި ކަމަށް އިއުލާނުކުރި ފަހުންނެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕް އެންމެ ފަހުން ބޭއްވެވި ވިއެޓްނާމް ސަމިޓް ފެއިލްވެފައިވާއިރު އުތުރު ކޮރެއާއިން އެދިފައިވާ ގޮތަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާއިން ވަނީ ދެކޮޅު ހަދާފައެވެ.

ޕޮމްޕޭ ވަނީ މިދިޔަ އަހަރު 4 ފަހަރު އުތުރުކޮރެެއާއަށް ވަޑައިގެން ނިއުކުލިއާ މަޝްވަރާތަކުގައި ބައިވެރިވަޑައިގެންފައެވެ. އަދި އެގައުމުގެ ލީޑަރު ކިމްއާ ވެސް ބައްދަލުކުރެއްވިއެވެ.

އުތުރު ކޮރެއާއިން ތުހުމަތުކުރާ ގޮތުގައި ޕޮމްޕޭ އަކީ ނިއުކުލިއާ މަޝްވަރާތަކުގައި ބައިވެރިވަޑައިގަންނަށް އެކަށީގެންވާ ބޭފުޅެއް ނޫނެވެ. އަދި އޭނާ ދައްކަވާ ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެކެވެ.