ދުނިޔޭގެ ހުރިހާ ހިސާބަކަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އޮންލައިން ކެމްޕޭނެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އެމްއެމްޕީއާރްސީން ބުނެފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މި ކެމްޕޭނަކީ މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ޑިޖިޓަލް ކެމްޕޭނެއް ކަމަށެވެ.

މިކެމްޕޭން ފެށުމަށްޓަކައި ކެމްޕޭނާ ގުޅޭ ކަންކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތައް ހޯދަން އަންނަ މެއި މަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. ތޮއްޔިބު ވިދާޅުވީ މި ކެމްޕޭނަކީ ވަރަށް ފައިދާވާނެ ކަމެއް ކަމަށާއި މި ކަމަށް ބޮޑު ހޭދައެއްވެސް ކުރަންޖެހޭ ކަމަށެވެ. މި ފަދަ ކެމްޕޭނެއް ފަށަން ނިންމީ އޮންލައިންކޮށް ބުކިންތައް އައުން ގިނަވުމާއި ސޯޝަލް މީޑިއާ ބޭނުންކުރާ އާބާދީއަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާފައި ކަމަށް ވެސް ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ މި ކެމްޕޭނުގެ ތެރެއިން ރާއްޖެއިން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރާ ހޭދައިން ލިބޭ ފައިދާ ދެނެގަންނާނެ ގޮތްތައް ބަލާނެ ކަމަށެވެ. ތޮއްޔިބު ވިދާޅުވީ މި ކެމްޕޭނުގެ މަގުސަދަކީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ރާއްޖެއިން ކުރާ ހޭދައިން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެނީ ކޮން ފައިދާއެއްތޯ ބެލުން ކަމަށެވެ.