ޗެމްޕިއަންސް ލީގުގައި ސިޓީ ކެޓުމުން އެކަމުގެ ބަދަލުހިފާ، އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްގެ މައްޗަށް 1-0 އިން ކުރިހޯދައިފިއެވެ.

މި މޮޅާއެކު މެންޗެސްޓަރ ސިޓީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 86 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި 85 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ޓޮޓެންހަމް އޮތީ 67 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.

ސިޓީގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ފެނިގެންދިޔަ މި މެޗުގައި ސިޓީގެ ހަމައެކަނި ގޯލު އެ ޓީމު ކާމިޔާބުކުރީ މެޗުގެ ވަރަށް ކުރީކޮޅުގައެވެ. މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ފިލް ފޮޑެންއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އަގުއެރޯ ބޮލުން ދިން ޕާހަކުން ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ސިޓީގެ މި ގޯލަށްފަހު ފުރަތަމަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ޓޮޓެންހަމުން ވަނީ ތަނަވަސްކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައި އަނިޔާގެ ސަބަބުން ސިޓީގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކެވިން ޑެ ބްރައިނާ ބޭލިއިރު މި ހާފްގައި ސިޓީގެ ލީޑު ފުޅާކޮށްލަން އެޓީމުގެ ރަހީމް ސްޓާލިން އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަައެވެ.

މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ. ލީގުގައި އެޓީމަށް ބާކީ ދެން އޮތީ އެންމެ ހަތަރު މެޗެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ އަންނަ ބުދަދުވަހު ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއެވެ.