ކުރިއަށް އޮތް ރޯދަމަހު ރ. އުނގޫފާރު ކައުންސިލުން އެ ރަށުގެ ގެތަކަށް ކަރަންޓް ހިލޭ ދޭން ނިންމައިފި އެވެ.

އުނގޫފާރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނި ރަމަޟާން މަހު ރައްޔިތުންގެ އިންޖީނުގެއިން ދެމުންދާ ކަރަންޓްގެ ހިދުމަތް، ގޭބިސީތަކަށް ހިލޭ ދިނުމަށް ކައުންސިލްގެ ލަފާދޭ ކޮމެޓީގެ މަޝްވަރާއާ އެކު ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން ރޯދަ މަހު ހިލޭ ގެތަކަށް ކަރަންޓް ދިނުމަށް ނިންމާފައިވަނީ ކައުންސިލުން ބޭއްވި 77 ވަނަ އާއްމު ބައްދަލުވުމުގައެވެ. ކަރަންޓް ހިލޭ ދިނުމަށް ނިންމާފައިވަނީ 06 މެއިން ޖޫން މަހުގެ ނިޔަލަށެވެ.

މިކަން މިގޮތަށް ނިންމި ކަމުގައިވިޔަސް ބޭކާރު ގޮތުގައި ކަަރަންޓް ބޭނުންކޮށްފާނެ ކަމުގެ ބިރު އެބޮތް ކަމަށް ކައުންސިލުން ބުނެ އެވެ. ބޭކާރު ގޮތުގައި ކަރަންޓް ބޭނުން ނުކޮށް ވީވަރަކުން ކަރަންޓް މަދުން ބޭނުން ކުރުމުގެ ވިސްނުން ބެހެއްޓުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ ކުރިން ހިލޭ ކަރަންޓް ފޯރުކޮށްދޭ ފަހަރުތަކުގައި ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކަރަންޓަށް ހަރަދުވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. މިއީ އުނގޫފާރު ކައުންސިލުން ޖެހިޖެހިގެން ކޮންމެ އަހަރަކު ރަމަޟާން މަހު ކަރަންޓް މުޅިން ހިލޭ ފޯރުކޮށްދޭ ހަތަރު ވަނަ އަހަރެވެ.