ހއ. ކެލާއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ރަށުގައި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓު ނުލިބުން ކަމަށް ކެލާ ކައުންސިލުން ބުނެފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ނައިބު ރައީސާ އައިމިނަތު އިސްމާއީލް ވިދާޅުވީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދަށް ކަރަންޓު ނުލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށާއި ހައްލެއް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ.

"ފެނަކަ ކޯޕަރޭޝަނާ ވެސް މިކަމުގައި މަޝްވަރާކޮށްފިން. އެހެންނަމަވެސް އަދި މިހާތަނަށް މިކަމުގައި އަލި މަގެއް ފެނިފައެއް ނުވޭ،" އައިމިނަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގައި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓު ނުދެވިގެން އުޅެނީ ރަށުގައި ކަރަންޓުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުގައި ރަށުގެ އިތުރު ހިސާބަކަށް ކަރަންޓު ދެވޭނެ ވަރުގެ ވަސީލަތްތަކެއް ނެތުމުންނާއި އެފަދަ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތުމުންނެވެ.

ބިމުގެ ގޮތުން މުއްސަނދި ކެލާގައި މީހުން ދިރިއުޅެނީ ރަށުގެ ނިސްބަތުން ކުޑަ ތަންކޮޅެއްގަ އެވެ. އާބާދީގައި 2300 އެއްހާ މީހުން ކެލާގެ ދަފްތަރުގައި ތިބި ނަމަވެސް ރަށުގައި ދިރިއުޅެނީ 1300 އެއްހާ މީހުން ކަމަށް އައިމިނަތު މައުލޫމާތު ދީފައިވެ އެވެ.

އައިމިނަތު އިތުރަށް ވިދާޅުވީ ކަރަންޓާ ނުލާ ދިރިނޫޅެވޭ މިޒަމާނުގައި މިފަދަ ކަންކަން ހައްލުކުރެވެންޖެހޭ ކަމަށެވެ. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ އުއްމީދަކީ މި މައްސަލައަށް އަވަސް ހައްލެއް ލިބިގެން ދިއުން ކަމަށްވެސް އައިމިނަތު ވަނީ ވިދާޅުވެފަ އެވެ.