ބިޕާޝާ ބާސޫއަކީ ފިޓްނެސްގެ ދާއިރާއިން ވަރަށް ފާހަގަކޮށްލެވޭ ބޮލީވުޑް ތަރިއެކެވެ.

މީގެ އަހަރުތަކެއް ކުރިން ދިން އިންޓަވިއުއެއްގައި ބިޕާޝާވަނީ އަންހެނުންނަށް ޚާއްސަކޮށްގެން ސެލްފް ޑިފެންސް ޓްރެއިނިން ސެންޓަރުތަކެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފަ އެވެ.

އަހަރުތަކެއް ފަހުން ބިޕާޝާ މިވަނީ އެކަން ހަގީގަތަކަށް ހެދުމަށް ތައްޔާރުވެފަ އެވެ. މި އަހަރު ނިމުމުގެ ކުރިން އިންޑިއާގެ މުމްބާއީ، ދިއްލީ އަދި ކޮލްކައްތާގައިވެސް ސެލްފް ޑިފެންސް ޓްރެއިނިން ސެންޓަރުތައް ބިޕާޝާ ހުޅުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބިޕާޝާ އަކީ ދުޅަހެޔޮ ސއްިހަތެއްގައި ހުރުމަށް ގަވައިދުން ކަސްރަތުކުރުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގެ މުހިއްމުކަމުގެ ވާހަކަ އަބަދުވެސް ދައްކާ މީހެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރުމާއެކު އަމިއްލަ ނަފްސު ދިފާއުކުރަން ދަސްކުރުމަކީވެސް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށްވެސް ބިޕާޝާ ބުނެފައިވެ އެވެ.

ބިޕާޝާ ބުނެފައިވަނީ އަންހެނުންނާއި ދެކޮޅަށް ދެވޭ ހަމަލާތައް އިންޑިއާގައި އިންތިހާއަށް އިތުރުވެފައިވާއިރު އެފަދަ ހަމަލާތަކުން އަމިއްލަ ނަފްސު ދިފާއުކުރަން އެނގުމަކީ އަންހެނުންނަށް ލިބިގެންދާނެ އިތުރު ރައްކާތެރިކަމެއް ކަމަށް އޭނާ ދެކޭ ކަމަށެވެ.