ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް ބޭނުންކުރަމުންދާ އެމެރިކާގެ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) ބޯޑާ ކޮންޓްރޯލް ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ ޑިޕާޗަރ ޓާމިނަލްގެ ސާމާނުތައް ބަދަލުކޮށްފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ މި މަސައްކަތް ކޮށްފައިވަނީ ރޭ 10:00 އިން ފަތިހު 4:00 އަށް ކަމަށެވެ. މިއަދު ހެނދުނު ފްލައިޓްތަކުގެ ޗެކިން ފެށުމުގެ ކުރިން އެއާޕޯޓުގެ ޑިޕާޗަރ ޓާމިނަލުގެ ސާމާނު ބަދަލުކޮށް ނިންމާފައިވާ ކަމަށާއި މި މަސައްކަތް ކޮށްފައިވަނީ މިނިސްޓްރީގެ ޓީމަކާއި އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ޑިޕާޗަރ ޓާމިނަލުގެ ހާޑްވެއާ ބަދަލުކޮށް، އާ ސޮފްޓްވެއާ ވެސް ބޭނުންކުރަން ފަށައި ވަރަށް އޮމާންކޮށް ޓާމިނަލުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި ހަފުތާތެރޭ އައްޑޫއާއި ހދ.ގައި ވެސް މި މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ޕައިސިސް ބޯޑާ ކޮންޓްރޯލް ނިޒާމް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ހާޑްވެއާ ސާމާނު ގެނައީ މިމަހު ކުރީކޮޅެވެ. މިތަކެތި ގެނެސް ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކާއި ބަނދަރުތަކުގައި ހުރި 70 އެއްހާ ސްޓޭޝަންގައި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަލީ ސޯލިހް ވިދާޅުވީ މި ސަރުކާރު އައިއިރުގައި ބޯޑާ ކޮންޓްރޯލްގެ މުޅި ނިޒާމު އޮތީ ވަރަށް ދެރަވަރުކޮށް ކަމަށާއި ވަކިން ޚާއްސަކޮށް މިދިޔަ ފަސް އަހަރު އެއްވެސް ހާޑްވެއާއެއް ބަލަހައްޓައި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. ބޯޑާ ކޮންޓްރޯލް ނިޒާމަށް ގެނެސްފައިވާ ހާޑްވެއާތަކަކީ އެމެރިކާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދިވެހި ސަރުކާރަށް ދީފައިވާ ސާމާނު ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

މި ހާޑްވެއާތަކަށް އެންމެ ފަހުގެ ސޮފްޓްވެއާތައް އިންސްޓޯލްކޮށް ސްޓޭޝަންތަކުގައި ހާޑްވެއާތައް ހަރުކޮށް މުޅި ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ކޮމިއުނިކޭޝަން މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި ކޮމިއުނިކޭޝަން މިނިސްޓްރީން މި މަސައްކަތް ކުރަމުންދާނީ ޑިފެންސް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

ޕައިސިސް ބޭނުންކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި ސިސްޓަމަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އެެމެރިކާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން މުޅިން ހިލޭ ދިން ސިސްޓަމެކެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ މި ސިސްޓަމްގައި ބޭނުންކުރާ ސޮފްޓްވެއާ އަޕްގްރޭޑް ކުރުމަށް ކުރީ ސަރުކާރުން ހުއްދަ ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މި ސިސްޓަމްގެ ސޮފްޓްވެއާ އަޕްޑޭޓްކޮށްފައިވާ ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ހަރުދަނާކުރުމުގެ މަސައްކަތް ފެށިފައިވާއިރު، އިމިގްރޭޝަން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމުގައި މައުލޫމާތު ދެއްވާފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކަމާގުޅުންހުރި ތަޖުރިބާކާރު ބޭފުޅުންނެވެ.