އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި"ގެ ޓީޒާ ދައްކާލައިފިއެވެ.

ދިވެހި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނިކުތް ފިލްމު ކުންފުނި އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި"ގެ ޓީޒާ ދައްކާލާފައިވަނީ ވީޓީވީގެ "ސިނަމާ" ޕްރަގްރާމްގައެވެ. އަދި އައި ފިލްމްސްގެ ޔޫޓިއުބް ޗެނަލްއިންވެސް މިހާރު ޓީޒާ ބަލާލެވޭނެއެވެ.

ފިލްމުގެ ޓީޒާއިން މި ފިލްމާއިމެދު ކުރެވޭ އުންމީދު ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް މިއީ ރީތި ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއްކަން ޓީޒާއިން ކަށަވަރުކޮށްދެއެވެ.

"ބަވަތި" މި ފިލްމުގައި މުހިންމު ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި އަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) ހިމެނެއެވެ. އަދި މައިގަނޑު ރޯލުން ދެން ފެނިގެންދާނީ ފިލްމީ ދާއިރާއަށް މުޅިން އައު ފަންނާނެއްކަމަށްވާ އިފްނާޒް ފިރާގެވެ. އިފްނާޒަކީ ވީޓީވީގެ އިތުރަށް ދި ޓީވީގައިވެސް ބައެއް ޝޯތައް ހުށައަޅާދީފައިވާ ޕްރެޒެންޓަރެވެ.

ޓީޒާގައި ނުޒޫއާއި އިފްނާޒް ލޯބީގެ ގޮތުންގުޅި، ދިރިއުޅުމެއް ފަށަނީ ފޮނި އުންމީދުތަކަކާއެކުކަން އެނގެއެވެ. ނުޒޫއަކީ ހަޔާތުގެ ކުރީކޮޅުގައިވެސް ހިތްދަތި އެތައް ކަންތައްތަކެއް ދިމާވެފައިވާ މީހެއްކަމުން، ކައިވެންޏެއް ކުރަނީ އޭނާ އުފަލުގައި ބަހައްޓައިދީ، ހުރިހާ ހިތާމަތަކުން ދުރުކޮށްދޭނެކަމަށް އިފްނާޒު ޔަގީންކޮށްދިނުމުންނެވެ. ނަމަވެސް ކަން ވެެގެންދަނީ އެހެން ނޫންކަން ޓީޒާއިން އެނގެއެވެ.

"އެހެން އެންމެންނާ އިބޫގެ މިޖާޒު ތަފާތު. އަހަރެންގެ ދިރިއުޅުމުގައި ދިމާވާ ހުރިހާ ހިތާމަތަކުން ސަލާމަތްކޮށް، އަހަރެން އުފަލުގައި ބަހައްޓާނެކަމުގެ ޔަގީންކަން އިބޫދިން. އެ އުންމީދުގައި، ކައިވެނިކޮށްގެން އަހަރެން މާލެ ބަދަލުވިން. އެކަމަކު....." ޓީޒާގައި ނުޒޫ ބުނެއެވެ.