އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށް ފްރާންސް ލީގް ކަޕްގެ ޗެމްޕިއަންކަން ރެނެސް އިން ކާމިޔާބު ކޮށްފި އެވެ.

ރެނެސް އިން މުބާރާތުގެ ތަށި އުފުލާލީ ރޭ ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން 6-5 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޕީއެސްޖީއިންނެވެ. އެލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ ޑެނީ އަލްވޭސް އެވެ. އަދި އޭގެ އަށް މިނެޓް ފަހުން ޕީއެސްޖީއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ. އެލަނޑު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ ނޭމާ އެވެ.

މެޗުގައި ރެނެސްއަށް ހިތް ވަރެއް ލިބިގެން ދިޔައީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޕީއެސްޖީގެ ޒުވާން ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި އެހިތްވަރާއެކު ކުޅެމުންއާ ރެނެސްގެ ކުޅުންތެރިންނަށް އުންމީދު އާވެގެން ދިޔައީ 66 ވަނަ މިނެޓްގައި އެޑްސަން އަންދްރޭ ސިތޯއީ ކާމިޔާބު ކުރި ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު، ދެ ޓީމް އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅެންޖެހުނީ 15 މިނެޓުގެ ދެ ހާފެވެ. އެގޮތުން ފީއެސްޖީއަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 118 ވަނަ މިނެޓުގައި އެ ޓީމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ. އެމްބާޕޭއަށް ރަތް ކާދު ދައްކާ ދަނޑުން ފޮނުވާލީ ރެނެސްގެ ޑަސިލްވާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވުމުން ދެން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނެވެ. އެގޮތުން ޕެނަލްޓީ ސޫޓްގައި ރެނެސް އިން ވަނީ އެ ޓީމުން ފޮނުވާލި ހަ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އަދި ޕީއެސްޖީން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ ޒުވާން ކުޅުންތެރިއާ ކްރިސްޓޮފާ ޖެހި ޕެނަލްޓީ އެވެ.

މިއީ މިމުބާރާތުގެ ތަށި 48 އަހަރު ފަހުން ރެނެސްއިން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި އެޓީމް އެންމެ ފަހުން މި މުބާރާތުގެ ތަށި ކާމިޔާބުކުރީ 1971 ވަނަ އަހަރު އެވެ.