ތަގުދީރުން ކަމެއް ރާވައިފިނަމަ އެކަމަށް ހުރަސް އެޅޭނެ އެހެން ފަރާތެއް ނުވެއެވެ. އެކަމެއް ވިޔަ ނުދިނުމަށް ކުރެވޭނެ ކަމެއް ވެސްނޯވެއެވެ. އަހަރެން ހިތަށް އަރައެވެ. ބައެއް މީހުން ހެއްދެވިފަރާތާމެދު ޝައްކު އުފައްދަނީ ކީއްވެބާއެވެ؟ ﷲނޫން އެހެން އިލާހަކު ވާކަމަށް ގަބޫލު އެ ކުރަނީ ކީއްވެބާއެވެ؟ ހަމަ ޔަގީނުންވެސް އެއީ އެންމެމަތިވެރި އިލާހެވެ. އެފަރާތަށް ވުރެ ރޭވުންތެރި، ކަންކަން މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ނުވެއެވެ. އެކަން އަހަރެންނަށް ވިސްނެއެވެ. އެކަން ގަބޫލުވެސް ކުރަމެވެ. ނަމަވެސް އަހަރެންނަށް އުޅެވުނީ އެންމެ ރަނގަޅަށް ކަމަކަށް އަހަރެންނަކަށް ގަބޫލެއްނުކުރެވެއެވެ.

މިއަދު ހިތަށް އަރާ ކޮންމެ ޝުއޫރަކުން ގެނެސްދެނީ ހެއްދެވިފަރާތުގެ ބާރާއި ކުޅަދުންވަންތަކަމެވެ. ދުޢާ މި ކުރެވެނީއެފަރާތަށެވެ. ދެންނެވެނީ އެ ކަލާނގެ ހަޟުރަތުގައެވެ.

އަހަރެންނަށް ވުރެ 30 އަހަރު ދޮށީ ދައްތަ މި ދުނިޔެއާ ވަކިވެގެން އެ ދިޔައީ މީގެ 4 އަހަރު ކުރިއެވެ. އެއީ ޝައުބާން މަހުގެ ފުރަތަމަ ދުވަހެވެ. އެ ދުވަހު ހިތަށް އެރި ޝުއޫރުތައް މިއަދުވެސް ހިތަށްއަރައެވެ. ދާއިމީ އެއްވެސް ބައްޔެއްނެތް ދައްތަގެ ކުއްލި މަރަކީ މުޅި އާއިލާއަށް ލިބުނު ސިހުމެކެވެ. އަހަރެންނާ ދެން ތިބި ތިން ބެއިންނަށް ލިބުނު ވަރަށް ބޮޑުހިތާމައެކެވެ. ހިތަށް އެރިއެވެ. މަރަކީ އެހެން މީހަކަށް ބާރު ފޯރުވޭ ކަމެއް ނޫނެވެ. އެ ކަމަކާ ބައްދަލުކުރަންޖެހޭނެ ދުވަހެއް ވަގުތެއް އެނގޭނެ ގޮތެއް ވެސް ނޯންނާނެއެވެ.

ދައްތަގެ އެ މަރަށް އެއް އަހަރު ފުރުނުތާ ތިން ދުވަސް ފަހެވެ. އަހަރެން އުޅުނީ ގޭގައެވެ. ފޯނު ރިންގުވާ އަޑު އިވިގެން ފޯނުނެގީމެވެ. ވާހަކަދެއްކީ ބައްޕައާ އެއްބަނޑު އަހަންމަދުބެއެވެ. ހާސްވެފައިވާ އަހަންމަދުބެ ދިން ޚަބަރުން އަހަރެންނަށް ދުއްވައިގަނެވުނީ ރަށުގެ މިސްކިތާ ދިމާއަށެވެ.

މިސްކިތަށް ވަދެވުނުއިރު އެތައް ބަޔަކު އެތާ ތިއްބެވެ. އަހަންމަދުބެ ވެސް އެތާ ހުއްޓެވެ. އަހަރެންގެ ލޯ ގޮސްހުއްޓުނީ މިސްކިތުގެ ފެންޑާގައި ބާއްވާފައި އޮތް އަހަރެންގެ ބޭބެގެ ފުރާނަ ނެތް މަސްގަނޑަށެވެ. އެތައް އިރަކު އެތަނުގައި އިނދެވުނެވެ. އެތައް ޝަކުވާއެއް ހިތުންކުރެވުނެވެ. އެހެން ވާންވީ ކީއްވެހެއްޔެވެ؟ އެންމެ ދޮށީ ދައްތަ މަރުވިތާ އަދިވީ އަހަރެކެވެ. ބޭބެ ވެސް މި ދުނިޔެއާ އެވަކިވީއެވެ. ކިހައި ދެރަ ހެއްޔެވެ؟

ބޭބެ ވަޅުލުމުގެ ހުރިހާ ކަމެއްގައި ވެސް އަހަރެން ބައިވެރިވީމެވެ. ދިމާވި ހިތާމާގައި އަހަރެން ކެތްތެރިވީމެވެ. ނަމަވެސް ހަމަހިތަށް އަރައެވެ. އެންމެ ދޮށީ ދައްތަ މަރުވީ ޝައުބާން މަހުގެ ފުރަތަމަ ދުވަހެއްގައެވެ. ބޭބެވެސް މަރުވީ ޝައުބާން މަހުގެ ފުރަތަމަ ދުވަހުއެވެ. ހަމަ އެކަނި ތަފާތަކީ އަހަރު ތަފާތެވެ. އެއް އަހަރު ފަހުން މި ހިތާމަ ލިބުނުކަމެވެ.

ޖެހިގެން އައި އަހަރުގެ ޝަޢުބާން މަސް ފެށުނީ އަހަރެންގެ ހިތަށް ބިރުވެރިކަން ވައްދަމުންނެވެ. އާއިލާގައި ހުރި ހަމަ އެކަނި އަންހެން ކޮއްކޮ މި ދުނިޔެ ދޫކުރި ހިތާމަވެރި ޚަބަރުގެ ހިތިކަން އަރުތެރޭ ލައްވަމުންނެވެ. ހިތުގައި އޮތް ހީއަށް ލިބުނީ އިތުރު ޔަގީންކަމެކެވެ. އެކަމަކު އެއީ އިއްތިފާގެއް ހެއްޔެވެ؟ ކޮންމެ އަހަރެއްގެ ޝަޢުބާންމަހުގެ ފުރަތަމަ ދުވަހު އާއިލާ މީހަކު މި ދުނިޔެއާ އެ ވަކިވަނީ ކީއްވެ ބާއެވެ؟

އަހަރެންނަށް އޮވެވުނީ ވިސްނާށެވެ. އެކަން އަހަރެންނާ ހަމައަށް އައިކަމަށް ގަބޫލުކުރެވެނީއެވެ. އެކަމަކު މަރަކީ މިއަދުވެސް ވެދާނެކަމެކެވެ. މާދަމާ ވެސް ވެދާނެއެވެ. މީގެ އެތައް އަހަރެއް ފަހުންވެސް ވެދާނެއެވެ. އެ ވަގުތަކީ އިންސާނުންގެ ބާރުގެ ދަށުގައި އޮންނަ ކޮންޓްރޯލެއް ނޫނެވެ. އެއްވެސް އިންސާނަކަށް އެނގޭނެ ވަގުތެއް ވެސް ނޫނެވެ. ނަމަވެސް އަހަރެން ހާސްވިއެވެ. ޖެހިލުންވިއެވެ. އަންހެނުންގާތުގައި އެ ވާހަކަ ދެއްކުނެވެ.

"އާއިލާގައި ތިބި ތިން މެމްބަރުން ވަކިވެގެން އެ ދިޔައީ ކޮންމެ އަހަރެއްގެ ޝަޢުބާންމަހުގެ ފުރަތަމަ ދުވަހު. ދެން ހުރީ އަހަރެން. އަހަރެންނަށް ގަބޫލުކުރެވެނީ އަހަރެންނަށް އޮތީ އެންމެއަހަރެއް ކަމަށް. އެއީ ކުޑަ ދުވަސްކޮޅެއް" އަހަރެންނަށް ބުނެވުނެވެ.

"ތިކަހަލަ ވާހަކަ ނުދައްކާ. މަރަކީ އެއްވެސް މީހެއްގެ ބާރުގެ ދަށުގައި އޮންނަ ކަމެއްނޫން. މިއަދުވެސް މަރުވެދާނެ. އެކަން ގަބޫލުކޮށްގެން ހުންނަ ނަމަ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. ތި ކަހަލަ ކަންކަން އަހަރެން ގަބޫލެއް ނުކުރަން" އަންހެނުން އުޅުނީ އަހަރެންނަށް ވިސްނައި ދެވޭތޯއެވެ. އަންހެނުންނަށް ނުވިސްނުނީ އަހަރެންނަށް ވިސްނޭކަމެވެ. އަހަރެން ނަމަވެސް އެހެން މީހުންނަށް ވިސްނައިދޭނީ އެ ގޮތަށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ލިބޭ ހިތާމަ ދިޔައީ ބޮޑުވަމުންނެވެ. އަމިއްލަ ނަފުސާ ކުރާ ސުވާލު ދިޔައީ ގިނަވަމުންނެވެ. މުޅި މީހާގެ އުޅުން ދިޔައީ ބަދަލުވަމުންނެވެ.

އަހަރުގެ މަސްތައް ދުނިޔެއާ ވަކިވަމުން ގޮސް ރަޖަބު މަސް ފެށުމާއެކު އަހަރެންގެ ހާސްކަން އިތުރުވިއެވެ. ބޭރަށް ދިއުން ހުއްޓުނެވެ. އަބަދުވެސް އިނދެވެނީ އެ ޚިޔާލުގައެވެ. ކުރާކޮންމެ ކަމެއް ކުރެވެނީ ވެސް އެ ޚިޔާލުގައި ހުރެއެވެ.

ރަޖަބު މަހުން 29 ވީ ބުރާސްފަތި ދުވަހުގެ ރެއެވެ. އަހަރެން ނިދަން އޮށޯތީ އަންހެނުންނަށް ވުރެ ފަހުންނެވެ. އޭރު އަންހެނުން އޮތީ ނިދޭގޮތް ނުވެފައެވެ.

"ކީއްވެ ނުނިދާ ތި އޮތީ؟" އަހަރެން ސުވާލުކުރީމެވެ.

"ނިދި އަންނަ ގޮތެއްނުވީ. އަހަރެންނަށް ވެސް ހަމަ ވިސްނެނީ؟" އަންހެނުން ޖަވާބުދިނެވެ.

"އަހަރެންނަށް އެނގޭ އަހަރެންނާ މެދު ވިސްނާކަން. މިކަމާމެދު ނުވިސްނާކަން ކިތަންމެ ދައްކަން އުޅުނަސް ވިސްނާކަން ވެސް" އަހަރެން ފާޅުކުރީ ހަގީގަތެވެ.

"ދެން ތި ވާހަކަނުދައްކަބަލަ ނަބީލު. ތި ގޮތުގައި ތި ވިސްނުމުގައި އަހަރެއް ތި ހޭދަވަނީ. މަރަށް ތައްޔާރުވުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް. އެކަމަކު ތިޔަ ވިސްނުންދޫކޮށްލަން ޖެހޭ. މިއަދުވެސް މަރުވެދާނެ. މިހާރުވެސް މަރުވެދާނެ. ވަކި ދުވަހެއް އެއީ ތިމާ މަރުވާނެ ދުވަސްކަމަށް ބަލައިގެން އުޅޭކަށް ނުވާނެ. އިރާދަކުރެއްވިއްޔާ ނަބީލަށް އަދިވެސް އުޅެވޭނެ. އަހަރެންނާއެކު ދުވަސްތައް ހޭދަކުރެވޭނެ" އަންހެނުންނަށް ރޮވޭ ގޮތްވިއެވެ.

"އަހަރެންގެ ހިތް ބުނަނީ އަހަރެންގެ ފަހު ވަގުތު ކޮޅު ހަމަ ބައްދަލުވަނިއްޔޭ. އަހަރެންގެ ހިތެއް ދޮގެއް ނުހަދާނެ. އަހަރެންނަށް މަޢާފުކުރޭ ލީނާ. ލީނާ އެކަނިކޮށްލަން ޖެހުނީތީ. އަހަރެންނަށް ތިޔަ ދިން ހިތްވަރަށް ޝުކުރިއްޔާ. އަހަރެން އުފަލުގައި ބެހެއްޓުމަށް ތިޔަ ދިން ޚިދުމަތަށް ވެސް ޝުކުރިއްޔާ. އިރާދަ ކުރެއްވިއްޔާ އަދި އަހަރެންނަށް ލީނާއާ ބައްދަލުވާނެ. ކޮންމެވެސް ދުވަހަކުން ދިމާވާނެ. ދެރަނުވާތީ. އަހަރެންގެ ޚިޔާލުތަކުގައި އަބަދު ނޯންނާތި. އެހެން ދިރިއުޅުމެއް ފަށައިގެން އުފަލުގައި އުޅޭތި. އަހަރެން އުފާވާނެ. ލީނާއަށް އުފާލިބޭ ކޮންމެ ކަމަކީ އަހަރެންނަށް ވެސް އުފާލިބޭނެ ކަމެއް" އަހަރެންނަށް ދެއްކެންފެށުނީ ކޮން ވާހަކައެއްކަން އަހަރެންނަކަށް އިހުސާސެއް ނުކުރެވުނެވެ.

"ނަބީލު.... ތި ދައްކަނީ ކޮން ވާހަކައެއް. މޮޔަވީތަ ނަބީލު. ހުއްޓާލަބަލަ. ދެން ތި ވާހަކަ ނުދައްކަބަލަ؟" ބާރު ބާރަށް ރޮއި ގަންނަމުން އަންހެނުން ބުނަމުންދިޔައެވެ. އެ ރުއިގަތުމާއެކު އަހަރެނަށް އަސަރުކުރިއެވެ. ހާސްވެފައިވާ ހަށިގަނޑަށް އިތުރު ބާރެއް ލިބުނެވެ. ހަށިގަނޑުގައި އިތުރު ރޫހެއް އުފެދުނެވެ.

"ދެން ނުދައްކާނަން. އިރާދަކުރެއްވިއްޔާ މި ހުއްޓާލީ. ދެން އެއްވެސް ވާހަކައެއް ނުދައްކާނަން" އަހަރެންނަށް އޮޅުލައިގަނެވުނީ އަންހެނުން ގައިގައެވެ. ކުޑަކުއްޖަކު ފަދައިންނެވެ. އަހަރެންގެ ހިތް ތެޅެމުން ދިޔަވަރު އަންހެނުންނަށް ވެސް އިހުސާސްކުރެވޭނެއެވެ.

ހިތުގައި ކަނޑައެޅި އާ އަޒުމާއެކު އަހަރެން ހިތްވަރު ލިބިގަތީމެވެ. ހެއްދެވި ފަރާތަށް ދެންނެވުމުގައި ވަގުތުތައް ދުއްވާލީމެވެ. އަހަރެންގެ ހަޔާތާމެދު ވިސްނާލީމެވެ. ލިބުނު ދުވަސްކޮޅު މަދެއް ނޫނެވެ. މިތަނުގައި ހޭދަކޮށްލަން ލިބޭ ކޮންމެ ދުވަހަކީވެސް ވަރަށް ވަގުތެވެ. އެ ދެއްވެވި ވަގުތަށް އޮތީ ޝުކުރުކުރުމެވެ. އަހަރެން ވިސްނުން ބަދަލުކޮށްލީމެވެ. ލިބުނު ނިޢުމަތަށް ޝުކުރުވެރިވީމެވެ.

ޝައުބާން މަހުގެ ފުރަތަމަ ދުވަސް އަހަރެންނާ ބައްދަލުކުރިއެވެ. އެ ދުވަސް ދުނޔެއާ ވަކިވެގެން ދިޔައެވެ. އުފަލުގެ ކޮޅެއް ނެތެވެ. ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނީ ކިހައި ވަރަކަށް ކަމެއް ނޭނގެއެވެ. މުޅި ރޭގަނޑު އިނދެވުނީ ޝުކުރުކުރުމުގައެވެ. ހިތަށް އެރިއެވެ. މަރަކީ ރަހުމަތެކެވެ. އެ ރަހުމަތަށް އިންތިޒާރު ކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެ ވަގުތައް ތައްޔާރުވާން ޖެހެއެވެ.

(ނިމުނީ)