ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކޮންމެ އަހަރަކުވެސް ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖަލް ވެން ޑައިކް ހޯދައިފި އެވެ.

އުމުރުން 27 އަހަރުގެ ވެން ޑައިކް މި އެވޯޑް ހޯދައިފައިވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން، ސާޖިއޯ އަގުއޭރޯ އަދި ބާނާޑޯ ސިލްވާގެ އިތުރުން ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ޗެލްސީގެ އެޑެން ހަޒާޑްއާ ވާދަކޮށްގެންނެވެ.

މިއީ 2005 ވަނަ އަހަރު ޗެލްސީގެ ކުރީގެ ޑިފެންޑަރު އިނގިރޭސި ވިލާތުގެ ޖޯން ޓެރީ މި އެވޯޑް ހޯދި ފަހުން ޑިފެންޑަރަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

2016 ވަނަ އަހަރު ލިވަޕޫލަށް ވެން ޑައިކް ބަދަލުވީ ސައުތެމްޓަނުން 75 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެއާއެކު އޭނާ ވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ.

މިހާތަނަށް ޕްރިމިއާ ލީގުގައި ލިވަޕޫލުން ކުޅުނު 36 މެޗުގެ ތެރެއިން 19 މެޗްގައި އެ ޓީމޮގެ ކޮޅަށް ގޯލެއް ވަދެފައި ނުވާއިރު، ވެން ޑައިކް އަންނަނީ އެޓީމުގެ ފަހަތުގައި މުހިންމު ރޯލެއް އަދާކުރަމުންނެވެ. އެގޮތުން މިއަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ވަނީ ހިމެނިފައެވެ.