ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށްޓަކައި ސްކުލްތަކުގައި ފުރިހަމަ ވަސީލަތްތައް ގާއިމުކުރުމަށް އެހީތެރިކަން ދިނުމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ތައްޔާރަށް ތިބި ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހް މިހެން ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންނަކީ އައިސީޓީއަށް ގާބިލް ބަޔަކަށް ހަދައި އެކަން ކަށަވަރުކުރުމަށް މިއަދު ފެށި ވޯކްޝޮޕް ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ ސްކޫލްތަކަކީ ފުރިހަމަ ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެންހުރި ތަންތަނަށް ހަދައިގެން ނޫނީ ދަރިވަރުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސުކޫލްތަކަކީ ޓެކްނޮލޮޖީގެ ގިނަ ވަސީލަތްތަކެއް ހުރި ތަންތަނަށް ހެދުމަށް ގިނަ އިންވެސްޓްމެންޓް ތަކެއް ކުރަންޖެހޭ ކަަމަށެވެ. އެހެންކަމުން މިކަމުގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކާ ގުޅިގެން މިނިސްޓްރީ މިކަމުގައި ބައިވެރިވުމަށް ތައްޔާރަށް ތިބި ކަަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މަލީހް ވިދާޅުވީ ދަރިވަރުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމުގައި އެންމެ އިސް ރޯލެއް އަދާކުރަނީ ޓީޗަރުން ކަަމަށެވެ. އެހެންކަމުން ދަރިވަރުންނަކީ ޓެކްނޮލިޖީއަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމަށް ޓީޗަރުންނަކީ ހަމައެކަނި ތަފާތު ޓެކްނޮލޮޖީ ބޭނުންކުރަން އެނގިފައިވާ ބަޔަަކަށް ވުމުން ނުފުދޭ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އައިސީޓީ އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުންނަށް އުުނގަންނައި ދެވޭ ފެންވަރަށް ޓެކްނޮލޮޖީއަށް ފަރިތަ ބަޔަކަށް ޓީޗަރުން ވާންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަލީހް އިތުރަށް ވިދާޅުވީ ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީ ވީހާވެސް ބޮޑަށް ބޭނުންކޮށް ސްކޫލްތަކުގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން މުހިއްމު ކަމަށެވެ.