ސުކޫލްތަކަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ތަންތަނަށް ހެދުމުގެ ގޮތުން ޓީޗަރުންނަށް އަމާޒުކޮށްގެން 4 ދުވަހުގެ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

މިވޯކްޝޮޕާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ މި ވޯކްޝޮޕަކީ ޔުނެސްކޯގެ ބެންކޮކް އޮފީހުގެ ފަރާތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިވޯކްޝޮޕް ނިމިގެންދާއިރު ޓީޗަރުންގެ ކިބައިގައި އައިސީޓީގެ ރޮނގުން ހުންނަންޖެހޭ ގާބިލިއްޔަތުކަން ހުންނާނެ ކަމަށެވެ. އަދި މިވޯކްޝޮޕް ކުރިއަށް ދާއިރުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބޭނުންކުރާ ޓެކްނޮލޮޖީގެ އެކި ސްޓޭންޑަޑްތަކުން ތައްޔާރުކޮށްފައިވާ ފްރޭމްވޯކެއް ބޭނުންކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ މިވޯކްޝޮޕް ނިމިގެންދާއިރު ޓެކްނޮލޮޖީގެ ރޮނގުން ޓީޗަރުންގެ މަސައްކަތްތައްވެސް ބައްޓަންކުރަންވީ ގޮތް އެނގިގެންދާނެ ކަމަށެވެ. މިވޯކްޝޮޕް ނިމުމަށްފަހު ޓެކްނޮލޮޖީގެ ރޮނގުން ޓީޗަރުން ބައްޓަންވެފައި ހުންނަންޖެހޭ ސްޓޭންޑާޑްތަކަށް އެމީހުން ތަމްރީންކުރުން ކުރިއަށްދާނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އެއަށްފަހު އައިސީޓީ ކިޔަވައިދޭނެ އާ މޮޑިއުލްތަކެއް ތައާރަފުކުރެވިގެންދާނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. ޑރ. އަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ދަރިވަރުންނަށް ބަހާފައިވާ ޓެބްލެޓްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގެ މަސައްކަތްވެސް މިސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.

މިވޯކްޝޮޕްގައި ރާއްޖޭގެ އުތުރުން ދެކުނަށް 35 ސުކޫލެއްގެ ބޭފުޅުން ބައިވެރިކޮށްފައިވެއެވެ. އަދި މިވޯކްޝޮޕްގެ ތެރެއިން ކަނޑައަޅާ ސްޓޭންޑާޑް ތަކަށް ރާއްޖޭގެ ހުރިހާ ސްކޫލަކުން އަމަލުކުރަމުންގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވަނީ ވިދާޅުވެފަ އެވެ.