މާޒީގެ ހަނދާންތައް މުސްތަގުބަލަށް ގެންދިއުމަށް އެކި މީހުން ކުރަނީ އެކި ކަންކަމެވެ. އަހަރެންގެ މާމަ ކުރި އެންމެ މުހިންމު އެއް ކަމަކީ ޑައިރީ ލިޔުމެވެ. މާމަ ކުރި ކޮންމެ ކަމެއް، އެ ޑައިރީގައި ރައްކާކުރުމެވެ. އަހަރެންނަށް ލިބުނު އެންމެ އަގުބޮޑު އެއް ހަދިޔާއަކީ އެ މާމަގެ ލޯބި ލޯބި ޑައިރީއެވެ.

މާމަގެ ޑައިރީން އަހަރެންނަށް އެންމެ ފާހަގަ ކުރެވުނު އެއް ސަފުހާއަކީ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހު މާމަ ލިޔެފައިވާ މާމަގެ ހަނދާންތަކެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކުރެވެނީ މަޖީދިއްޔާގައި ވަޅުލި ޓައިމް ކެޕްސޫލުގައި މާމަގެ ތާރީޚު ވަޅުލި ވާހަކައެކެވެ. އެކަން ކުރިގޮތާއި އެކަމުގައި ބައިވެރިވެ ކުރިހާ ކަންކަމުގެ ވާހަކަތަކެވެ. އެ މާމަގެ މާމަދަރިންނަށް ދޭން ބޭނުންވި މެސެޖު އެ ކެޕްސޫލުން ދީފައިވާނެ ވާހަކައެކެވެ. އަހަރެން އިންތިޒާރު މި ކުރަނީ ޖެހިގެން އޮތް އެ ދުވަހަށެވެ. އިރާދަކުރެއްވިއްޔާ މާމަގެ އެތައް ހަނދާނެއް އަހަރެންގެ އަތަށް އަރާނެއެވެ.

އަހަރެންނަށް އިނދެވުނީ ވިސްނާށެވެ. މާމަ އޭގައި ލިޔެފައި ހުންނާނީ ކޮން ވާހަކަތަކެއް ބާއެވެ. އެ ކެޕްސޫލު ވަޅުލިއިރު މާމަގެ އުމުރުންވަނީ އެންމެ 15 އަހަރެވެ. އެ އުމުރުގައި މާމަދަރިންނަށް ސިޓީއެއް އިބާރާތްކުރާނީ މުސްތަގުބަލަށް ހާދަހާ ފޮނި އުންމީދުތަކެއް ކުރީތީއެވެ. އެ ސިޓީ ކިޔަން ހުރި ހަމައެކަނި މާމަ ދަރިއަކީ އަހަރެންނެވެ. އިރާދަކުރެއްވިއްޔާ އެ ސިޓީ ކިޔޭނެއެވެ. އެ ފުރުޞަތު އަހަރެންނަށް ލިބޭނެއެވެ. ޚިޔާލީ ދުނިޔެއަކަށް ގެއްލިފައިވާ އަހަރެންނަށް ހޭވެރިކަންވީ ހަގު ދަރިފުޅު ރާހަތު އައިސް ކޮޓަރިއަށް ވަނުމުންނެވެ.

"މާދަމާއަކީ ބޮޑު ދުވަހެއްތާ؟ މާދަމާ ހެނދުނު އެބަ އޮތް މަޖީދިއްޔާގެ ޓައިމްކެޕްސޫލް ނެގުމުގެ ރަސްމިއްޔާތު. ސްކޫލުގައި ބޮޑު ޖަލްސާއެއްވެސް ބާއްވާ" ރާހަތު ދިނީ އުފާވެރި ޚަބަރެކެވެ.

"ކިހިނެއް ދަރިފުޅަށް އެނގުނީ؟" އަހަރެންނަށް ކުރެވުނީ ސުވާލެކެވެ.

"އެ އޮތީނު ނޫހުގައި ޖަހާފައި. އެ ޖަލްސާއަށް ސްކޫލުން ކިޔެވި ދަރިވަރުންނަށް ދައުވަތު ދީފައި ވެސް އެބައޮތް. ބައްޕަ ވެސް ދާންވާނެއްނު" ރާހަތު ވާހަކަދެއްކީ ވަރަށް އުފަލުން ހުރެއެވެ.

"ބައްޕަ ކޮންމެހެން ވެސް އެ ރަސްމިއްޔާތަށް ދާން ބޭނުން. ދަރިފުޅުމެން ވެސް އެތަނަށް ދާންވާނެ. ހުރިހާ ކާފަ ކުދީންވެސް އެތަނަށް ދާންވާނެ. ހުރިހާ ކުދިންނަށް ގުޅާފައި ބުނޭ މާދަމާ ހެނދުނު އެތަނަށް ދާންވާނޭ. ބައްޕަވެސް ދާނެ ވާހަކަ ބުނާތި. އަދި މުނިމާމަ ލިޔެފައިވާ ސިޓީއެއް ލިބޭނެކަން ހަނދާން ކޮށްދޭތި" ލިބުނު އުފަލާއެކު އިތުރު މަސައްކަތެއް ރާހަތަށް ޖެއްސުވީމެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ފަތިސް ނަމާދަށް ހޭލި އިރު ހަށިގަނޑުގައި ވަރުބަލި ކަމެއް ހުއްޓެވެ. ތެދުވަން އުނދަގޫ ގޮތެއް ވެސް ހުއްޓެވެ. ދެ ފަހަރަކު މަސައްކަތް ކޮށްލުމުން ވެސް ތެދުވާނެހާ ހިތްވަރެއް ނުލިބުނެވެ. ހިތަށް އަސަރުވެސް ކުރިއެވެ. ކޮންމެހެން ތެދުވަން ޖެހޭކަން ހިތުން ކުރި ގަބޫލާއެކު އާ ހިތްވަރެއްލައި ތެދުވަން އުޅުނީމެވެ. ވަރަށް މަސައްކަތުން ތެދުވެ އިށީނީމެވެ. މިވީ ކިހިނެއް ބާއެވެ؟ މިއީ ދުވަހަކުވެސް ވީ ގޮތެއް ނޫނެވެ. ކުޑަކޮށް ބިރުވެސް ގަތެވެ. ހާސްވެސް ވިއެވެ. އިރުކޮޅަކު އެނދުގައި އިނުމަށްފަހު ފާޚާނާއަށް ވަނީމެވެ.

އަށެއް ޖަހާއިރު އޮންނަ ރަސްމިއްޔާތަކަށް އަހަރެން ތައްޔާރުވެ ނިމުނު އިރު އަދި 7 ޖަހަނީއެވެ. ސައިބުއީ ވެސް ތައްޔާރުވެގެންނެވެ. އެއަށްފަހު ފަހަރަކު ކުއްޖަކަށް ގުޅީމެވެ. އެ ކުދީން ތައްޔާރުވިތޯ ބެލީމެވެ.

ރަސްމިއްޔާތު އޮތީ މަޖީދިއްޔާގައެވެ. އެ ތަރީޚީ ބިނާ ވަނީ ގައުމީ ދިދައާއި މަޖީދިއްޔާގެ ދިދައިން ޒީނަތްތެރި ކުރެވިފައެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ދާރުލް ޢުލޫމެވެ. އެ މުސްކުޅި ދާރުލް އުލޫމު ހުރީ ހަމަ އެގޮތަށެވެ. އާސާރީ އެ ބިނާއަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ހަމައެކަނި ތަފާތަކީ އެ މާލަމުގެ ވަށައިގެންވާ ސަރަހައްދުގެ ޖާގަ އިތުރުކޮށް ބޮޑުކޮށްފައިވާކަމެވެ. ކުރިއަށްވުރެ ރީތިކޮށް ފަރުމާކޮށްފައިވާކަމެވެ.

އިންތިޒާރު ކުރި ވަގުތު ޖެހުނެވެ. ޓައިމްކެޕްސޫލުގެ މަތިގަނޑު ނެގުމުގެ މަސައްކަތްކުރީ އެންމެންގެ ކުރިމަތީގައެވެ. އެ ކެޕްސޫލު ވަޅުލާފައިވަނީ މުސްކުޅި މަޖީދިއްޔާގެ މެދުގައެވެ. ވަށައިގެން ބޯ ސިމެންތި ފާރަކުން ރައްކާތެރިކޮށްފައިވާ ކެޕްސޫލުގެ މަތިގަނޑު ނެގުމާއެކު ޖަމާވެފައިވާ މީހުންގެ އަޑުން މުޅިތަން ގުގުމާލިއެވެ. ކެމަރާތަކުންގެ ފްލޭޝްތަކުން މުޅިތަން އަލިވިއެވެ. މަޖީދިއްޔާގެ ބޭންޑުގައި ކުޅެވުނު މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ލަވައިން އާރޫހެއް، ޖަމާވެފައިވާ މީހުންގެ ހިތްތަކުގައި އުފައްދައިދިނެވެ.

ޓައިމްކެޕްސޫލުގެ ތެރޭއިން އެތައް އެއްޗެއް ނެގިއެވެ. ކޮންމެ އެއްޗެއްގައި ވަނީ ނަން ޖަހާފައެވެ. ލިޔުނީ ކާކުކަމާއި ލިބެންވީ ކާކަށްކަން އެނގޭ ގޮތަށެވެ. ބައެއް ތަކެތި ހުރީ ސީދާ ދަރިވަރުންނަށް އެޑްރެސްކޮށްފައެވެ. އަނެއްބައި ތަކެތި ގޭގެއަށް އެޑްރެސްކޮށްފައި ވެސް ހުއްޓެވެ. އެތައް އިރެއްފަހުން ހ.ހާއްޔަށް އެޑްރެސްކޮށްފައިވާ ފޮށްޓެއް އިޢުލާން ކުރެވުނެވެ. އެ ނަން އިޢުލާން ކުރެވުމުން، ހުރިހާ ދަރިން ބަލައިލީ އަހަރެންގެ މޫނަށެވެ. އެ ދަރީންގެ އިޝާރާތުން އެއާ ހަވާލުވުމަށް އަހަރެން ދިއުމަށް އެދުނެވެ. އަހަރެން ތެދުވީމެވެ. އެ ފޮށްޓާ ހަވާލުވާން ދިޔައީމެވެ. އެއީ މާމަގެ ޚަޒާނާއެވެ.

ޓޭޕްއަޅައި ވަރަށް ރަނގަޅަށް ބަންދުކޮށްފައިވާ ކަޅު ފޮށި، އަހަރެން ހުޅުވާލީމެވެ. އަދި އަވަސް އަވަހަށް އެ ފޮށިން ލިޔުމެއް އަތުޖެއްސޭތޯ ބެލީމެވެ. ލޮލުގައި އަޅައިގަތީ ސިޓީ އުރައެއްގެ ބޭރުގައި "މާމަ ދަރިންނަށް" މިގޮތަށް ލިޔެފައިވާ ސިޓީއެވެ. ހިތަށް ލިބުނު އުފާވެރިކަމާއެކު އެ ސިޓީ އުރަ ކަނޑާލީމެވެ. އެއަށް ފަހު ޓައިމް ކެޕްސޫލުގައިވާ ހަނދާންތަކުން ކޮންމެވެސް ހަނދާނެއް އެއްވެފައިވާ މީހުންނާ ހިއްސާކުރަން ބެހެއްޓިފައިވާ މައިކް ދޮށަށް ގޮސް ހުއްޓުނީމެވެ. އަދި އެ ސިޓީ ކިޔަން ފެށީމެވެ.

"ލޯބިވާ މާމަ ދަރީންނަށް

އުފާވެރި ދުވަހެއްގެ އުފާވެރި ވަގުތު މި ސިޓީ ތިޔަ ދަރީން ކިޔަން ލިބޭނެ ކަމުގެ އުންމީދު މާމަކުރަމެވެ. އިރާދަކުރެއްވިއްތީ އެކަން މި ހަގީގަތަކަށް ވީއެވެ. ދަރިފުޅުމެން ތިޔަ ދަނީ މި ސިޓީ ކިޔަމުންނެވެ.

ދަރިފުޅުމެންނޭވެ. މާމައަކީ މި ފަޚުރުވެރި މަޖީދިއްޔާގެ ކެޕްޓަންކަން ކުރި ފުރަތަމަ އަންހެން ދަރިވަރެވެ. މަޖީދިއްޔާގެ ތާރީޚު ބަދަލުކޮށްލުމުގެ ނަސީބު މާމައަށް ލިބުނެވެ. މާމަމެން މި ސުކޫލުގައި ކިޔަވަމުން ދިޔައީ ނުހަނު އުފަލުންނެވެ. ފިސާރި ހަރަކާތްތެރިކަމާއެކުއެވެ. ފިރިހެން ކުދިންނެކޭ އެއް ސަފެއްގައި ވާދަކޮށްގެންނެވެ. މާމައަށް ސްކޫލު ކެޕްޓަންކަން ލިބުނީ ލައްކަ މަސައްކަތުންނެވެ. އެ ޝަރަފު ހޯދުނީ އަންހެން ކުދިން ގުޅިގެން ކުރި ހިތްވަރުހުރި ކެންޕޭނުންނެވެ. މި ސިޓީ ލިޔާއިރު މާމައަކީ ސްކޫލު ކެޕްޓަނެވެ.

ދަރިފުޅުމެންނޭވެ. ހަގީގަތުގައި މަޖީދިއްޔާގެ ރަން ތާރީޚު ފަވާލެވިފައިވަނީ ފިރިހެން ދަރިންގެ ކާމިޔާބުތަކުންނެވެ. އެ ޖިންސުގެ ހިތްމަތާ މިންނަތުންނެވެ. މާމަމެންނަށް މި ނަސީބު ލިބުނީ ވަރަށް ފަހުންނެވެ. މި ތާރީޚު އިތުރަށް އޮފުކުރުމުގައި ބައިވެރިވުމުގެ ނަސީބު ލިބުނީ ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލުތަކަކުންނެވެ. އެ ބަދަލުތަކުގެ ސަބަބުން މަޖީދިއްޔާގެ ދޮރޯށި އަންހެން ކުދިންނަށް ވެސް ހުޅުވުނީއެވެ. އަމީނިއްޔާގެ ދޮރޯށި ފިރިހެން ކުދިންނަށް ވެސް ހުޅުވުނީއެވެ. އެ ފުރުޞަތުގެ ބޭނުން މާމަ ހިފީ މާމައަށް ހިފުނު އެންމެ ރަނގަޅަކަށެވެ. މިއަދު މި ސިޓީ މާމަ މި ލިޔަނީ މި ސްކޫލުގެ ދާރުލް އުލޫމުގައި އިނދެއެވެ. އެކަން މާމަ މި ކުރަނީ މި ސިޓީގެ ޝަރަފަށްޓަކައެވެ.

ދަރިފުޅުމެންނޭވެ. މާމަ ދަރިންނޭވެ. މުނިމާމަ ދަރިންނޭވެ. ކިޔެވުމަކީ އަޅުކަމެކެވެ. އެކަން ކުރާށެވެ. އެކަމުން ޢިލްމު ލިބިގަންނާށެވެ. އެއީ ސިކުނޑިއަށް ލިބޭނެ ހަމައެކަނި ކާނާއެވެ. ވިސްނުން ތޫނު ކޮށްދޭނެ ހަމައެކަނި ހަނެވެ. އެ ހަނުން ތިޔަ ހަތިޔާރު ތޫނު ކޮށްފިނަމަ ނުކޮށޭނެ އެއްޗެއް ނުހުންނާނެއެވެ. ފަތަހަ ނުކުރެވޭނެ މައިދާނެއް ނޯންނާނެއެވެ. ދުނިޔޭގެ ހަތަރު ބިތް ކުޑަ ލާގުޅައަކަށް ހަދައިދިނީ މި ބުނާ ޢިލްމެވެ. ދުނިޔެއިން ފެންނަހާ ހެވަކާއި ނުބައެއް ގެނެސް މުށުތެރެއަށް ލައިދިނީ ވެސް ހަމަ މި ޢިލްމެވެ. އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. އެއަށް ރައްކާތެރިވާށެވެ. މިސްކޫލުން މާމައަށް ދަސްކޮށްދިން އެންމެ ބޮޑު ހަދިޔާއަކީ އެއެވެ.

ދަރިފުޅުމެންނޭވެ. ކިޔެވުމަކީ ހަމައެކަނި ފޮތުން އުނގެނުމެއް ނޫނެވެ. މާމަމެން ކިޔެވީ ކުޅިވަރާއި އިތުރު ޙަރަކާތްތަކުގެ ތެރެއިންނެވެ. މާމަގެ ކާމިޔާބީގެ ހަގީގީ ސިއްރަކީ އެއީއެވެ. ކަންކަމުގައި ބައިވެރިވި ބައިވެރިވުމެވެ. ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފުމެވެ. އިސްނެގުމަށް ހުރި ފޯރިއެވެ. މާމަ ގަބޫލުކުރީ ކިޔެވުމަކީ ހަމައެކަނި ދެލިގަނޑު ދަސްކޮށް ޓެސްޓު ހެދުމެއް ނޫނެވެ. ކުރީގެ ޕޭޕަރުތައް ހަދައި އިމްތިހާނަށް ތަައްޔާރު ވުމެއް ވެސް ނޫނެވެ. އެއަށްވުރެ މުހިންމީ ދަސްކުރާ ތަކެތި އަމަލީ މައިދާނުގައި ބޭނުން ކުރާނެ ފުރުޞަތު ހޯދުމެވެ. މާމަ ގަބޫލުކުރާ ގޮތުގައި ދަސްކުރާ ތަކެތި ޢަމަލީ މައިދާނަށް ހިމުން ކޮށްދޭ މެޝިނަކީ އިތުރު ޙަރަކާތްތަކެވެ. މިކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ. ދަރިފުޅުމެންގެ ދަރިންނަށް މިކަން ވިސްނައިދޭށެވެ. މާމަ މި ވާހަކަތައް މުނިމާމަ ދަރިންނަށް ވެސް ބުނެދޭށެވެ. އެ ދަރީންގެ ދަރީންނާ ހަމައަށް އުފުލައިދޭށެވެ.

މާމަ މި ސިޓީ ލިޔާއިރު މި އުޅެނީ ގްރޭޑް 10 ގައެވެ. މާމަދަރިންނަށް ސިޓީއެއް ލިޔުމަށް ޚިޔާލުއައީ މި ސިޓީ ކިޔުމުގެ ނަސީބު ލިބޭނެކަމަށް މާމައަށް ގަބޫލުކުރެވެނީ ދަރިފުޅުމެންނަށް ކަމަށްވާތީއެވެ. މިކަން މާމަ ކުރާއިރު މަންމާއޭ ކިޔާ ގޮވާލާނީ ކިތައް ކުދިންކަމެއް، މާމާއޭ ކިޔާ ގޮވާލާނީ ކިތައް ކުދީންކަމެއް މުނިމާމައޭ ކިޔާ ގޮވާލާނީކިތައް ކުދިންކަމެއް ނޭނގެއެވެ. އެނގެނީ ކޮންމެވެސް ދުވަހަކުން މާމަ ވެސް ކުދިންތަކެއްގެ މަންމައަކަށް ވާނެކަމެވެ. ކުދިންތަކެއްގެ މާމައަށް ވެސް ވާނެކަމެވެ. މުނިމާމައަށް ވެސް ވާނެކަމެވެ. އެ ނަސީބު މިންވަރު ކުރައްވާށިއެވެ. އާމީން.

މި ސިޓީ ލިޔާއިރު މާމަ މި އިނީ ސްކޫލު ޔުނީފޯމު ލައިގެންނެވެ. މާމަ ގަބޫލުކުރާ ގޮތުގައި މި ތާރީޚީ ފުރުޞަތު މާމައަށް ހޯދައިދިނީ މި ސްކޫލުންނެވެ. މި ލޮބުވެތި މަޖީދިއްޔާއިންނެވެ. މި ތަންދެކެ މާމަ އިންތިހާއަށް ލޯބިވަމެވެ. މާމަގެ ހިތުގައި ދާއިމީ ގަދަރެއް މި ތަނަށް ދެވިފައި ވެއެވެ.

މާމަގެ ހުރިހާ ކުދީންނަށް ސަލާމް. މާމާގެ މި ސިޓީ ކީ އަދި އަޑުއެހި ކޮންމެ މީހަކަށް ސަލާމް. މަޖީދިއްޔާގެ ފުރަތަމަ އަންހެން ކެޕްޓަންގެ ސަލާމް. މިހާރުގެ ކެޕްޓަނަށް ވެސް ސަލާމް.

19 އޭޕްރީލް 2027

ސާރާ އަބުދުލް ޚާލިދު

މާމަ

މާމަގެ ސިޓީ ކިޔާ ނިންމާލި އިރު އަހަރެންނަށް ހުރެވުނީ އެހެން ދުނިޔެއެއްގައެވެ. ހީވީ މާމަގާތުގައި ހުރެވުނު ހެންނެވެ. މާމަގެ މެސެޖުތައް ދިޔައީ ތަކުރާރުވެ ދެ ކަންފަތްތެރޭ ގުގުމަމުންނެވެ. އެ އަސަރުން ނަފުސު ދިޔައީ ފިނިވަމުންނެވެ. އޭގެ ޖަޒުބާތުން ހިތް ދިޔައީ މަޑުވަމުންނެވެ. ދެލޮލުން ނީރުނު ކަރުނަ ތިކި އައިސް ވެއްޓުނީ ސިޓީގެ މެދަށެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމުން ބުނެދިނީ މާމަގެ މެސެޖު ކޮންމެ މީހަކަށް ވެސް ލިބުނުކަމެވެ. މާމަގެ ވާހަކަ ކޮންމެ މީހަކު ވެސް ގަބޫލުކުރިކަމެވެ. ޔަގީނުން ވެސް އަހަރެން ގަބޫލުކުރަމެވެ. އަހަރެންގެ ދަރިން ގަބޫލުކުރާނެއެވެ. މުނިމާމަ ދަރިން ވެސް އެ ވާހަކަތަކުން އިބްރަތް ލިބިގަންނާނެއެވެ.

ރަސްމިއްޔާތު ނިންމާ އަހަރެން ގެއަށް ދިޔައީ ނުހަނު އުފަލުންނެވެ. އެތައް ޖަޒުބާތެއް ސްކޫލަށް ބަންޑުންކޮށްލާފައެވެ. މާމަގެ އެތައް ހަނދާނެއް ހިފައިގެންނެވެ. ހިތަށް އަރައެވެ. މާމަ ހާދަ މޮޅެވެ. ހާދަހާ ދުރުވިސްނެއެވެ. ހާދަ ލޯތްބެވެ. އަހަރެންވެސް އަހަރެންގެ ދަރިންނަށް އެފަދަ މެސެޖެއް ރައްދުކުރާނަމެވެ. އެ ނަމޫނާ ފޯރުކޮށްދޭނަމެވެ.

(ނިމުނީ)