އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ވިއްކާލުމަށް ޔުވެންޓަސް އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޔުވެންޓަސް އިން ވަނީ ޑިބާލާގެ އިތުރުން ޑަގްލަސް ކޮސްޓާ އާއި މިރެލަމް ޕިޔަނިޗް އަދި އެލެކްސް ސަންޑްރޯ ވިއްކާލައި އައު ކުޅުންތެރިން ގެންނަން ވިސްނާފަ އެވެ. އަދި އެޓީމުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑީއޯލާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުމަށްފަހު ޑިބާލާއަށް ރަނގަޅު ފުރުސަތުތަކެއް ނުލިބޭ ކަމަށާއި، އެހެންކަމުން އޭނާވެސް ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެކަމަކު އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ ވަނީ ޑިބާލާ ވިއްކާލަންއުޅޭ ވާހަކަތައް ދޮގު ކޮށްފައެވެ. އޭނާ ބުނެފައިވަނީ އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަކުރާނެ ކަމަށާއި، އެގޮތުން ޑިބާލާވެސް ޓީމުގައި މަޑުކުރާނެ ކަމަށެވެ.

ޔުވަންޓަސްއާ 2015 ވަނަ އަހަރު ގުޅުނު ޑިބާލާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 179 މެޗުގައި 78 ލަނޑު ކާމިޔާބުކޮށްފައެވެ. އާޖެންޓީނާ ގައުމީ ޓީމަށް 19 މެޗު ކުޅެފައިވާ ޑިބާލާ ވަނީ ޔުވަންޓަސްއާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު، އިޓާލިން ކަޕް ތިން ފަހަރު އަދި އިޓާލިއަން ސުޕާ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ އިޓާލިއަން ލީގު ކާމިޔާބުކޮށް ޔުވެންޓަސްއިން ވަނީ ޖެހިޖެހިގެން އަށްވަނަ ފަހަރަށް ލީގު ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފައެވެ. އެކަމަކު އެޓީމަށް މިފަހަރުވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ.