ދަރިމައިވުމާއި ވިހެއުމުގައި ޔޫގެންޑާގެ 39 އަހަރުވީ އަންހެނަކު ދުނިޔެ ހައިރާންކޮށްލައިފިއެވެ.

މިހާތަނަށް 15 ފަހަރު ބަލިވެއިނދެ 42 ކުދިން ވިހާފައިވާ މަރިޔަމް ނަބަތާންޒީ މަޝްހޫރުވެފައިވަނީ ޔޫގެންޑާގެ ދަރިމައިވުމުގެ ޗެމްޕިއަންގެ ގޮތުގައެވެ. އޭނާއަށް ލިބުނު 42 ކުދިންގެ ތެރެއިން 38 ކުދިން ދުނިޔޭގައި އެބަތިއްބެވެ.

ނަބަތާންޒީ ބުނީ އުމުރުން އެންމެ ބާރަ އަހަރުގައި ގަދަކަމުން މީހަކާ ދެވާފައި މައިންބަފައިން އޭނާ ގެއިން ނެރެލީ ކަމަށެވެ. ކުޑައިރާއި އަދި ޒަވާޖީ ހަޔާތަކީ ވޭނުން ފުރިފައިވާ ހަޔާތެއްކަން ފާހަގަކުރަމުން ނަބަތާންޒީ ބުނީ އުމުރުން އެންމެ ތޭރަ އަހަރުން ފެށިގެން ވިހެއުން ނޫން އެހެންކަމެއް އޭނާއަށް ނެތްކަމުގައެވެ.

ބަލިވެއިން 15 ފަހަރުގެ ތެރެއިން ފަސްފަހަރު ވިހެއީ ހަތަރު ކުދިންނެވެ. ހަތަރު ފަހަރު ތިންކުދިންނެވެ. ހަތަރު ފަހަރު ދެކުދިންނެވެ. ދެ ފަހަރު އެންމެ ކުއްޖެކެވެ.

ނަބަތާންޒީ ބުނީ މިހުރިހާ ކުދިން ދީފައި ފިރިމީހާވެސް އޭނާއާއި ކުދިން ދޫކޮށްލާފައި ފިލައިފިކަމަށާއި ކުދިންގެ ސްކޫލާއި އަންނައުނާއި ކެއުމުގެ ކަންތައް މިހާރު ހަމަޖައްސަނީ އޭނާ އަމިއްލަޔަށް މަސައްކަތްކޮށްގެން ލިބޭ ފައިސާކޮޅަކުން ކަމުގައެވެ. ފައިސާ ހޯދުމަށްޓަކައި އޭނާ ފަހައެވެ. ފަތްޕިލާވެލިން ބޭސް ތައްޔާރުކުރެއެވެ. ބޯކޮށައިދެއެވެ. ގޭގޭގައި ނޯކިރީ ކޮށްދެއެވެ.

ނަބަތާންޒީ ބުނިގޮތުގައި ދޭތެރެ ދުރުކުރެވޭތޯވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވުނެވެ. އެއްފަހަރު ދޭތެރެ ދުކުރުކުރުމަށްޓަކައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން ލޭފައިބާތީ ހަސްފަތާލުގައި ހަމަސްދުވަހު އެޑްމިޓްކޮށްފައި އޮންނަންޖެހުނު ކަމަށްވެސް ބުންޏެވެ. ދޭތެރެ ދުރުކުރުމުގެ ވިސްނުން ދޫކޮށްލީ ޑޮކްޓަރުގެ ލަފާގެމަތިން ކަމަށާއި ދޭތެރެދުރުކުރަން އޭނާގެ ހޮރްމޯންސް ޖާގަނުދޭ ކަމަށް ޑޮކްޓަރު ބުނެފައިވާކަމަށްވެސް ނަބަތާންޒީ ބުންޏެވެ.