ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހަކީ މެއި މަހުގެ ފުރަތަމަ ދުވަހެވެ. މިގޮތުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިއަދު މި ދުވަސް ފާހަގަކުރާއިރު ދިވެހިރާއްޖޭގައި ވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ހިނގާލުމެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު ތާރީހީ ގޮތުން ދިވެހި މަސައްކަތްތެރިންނާ ގުޅުން ހުރި ބައެއް ކަންކަން މިފަދަ ދުވަހެއްގައި ފާހަގަކޮށްލުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ސަރުކާރުގައި މަސައްކަތްތެރިކަމާ ބެހޭ މިނިސްޓްރީއެއް އެންމެ ފުރަތަމަ އެފެއްދީ 22 ޑިސެމްބަރު 1932 ގައި ރާއްޖޭގައި ތަސްދީގު ކުރި ފުރަތަމަ ގާނޫނުއަސާސީއާ އެކުގަ އެވެ. ފުރަތަމަ ގާނޫނުއަސާސީގެ ދަށުން މަސައްކަތްތެރިކަމާ ބެހޭ ދެ މިނިސްޓްރީއެއް އުފެއްދި އެވެ. އޭގެތެރެއިން ފުރަތަމަ ވުޒާރާއަކީ ދައުލަތުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމަށް "ވުޒާރަތުއް އަޝްޣާލް" ނުވަތަ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސް އެވެ. ދެވަނަ ވުޒާރާ އަކީ ގޮވާމުގެ ކަންކަން ކުރިއަރުވައި އަތު މަސައްކަތްތެރިކަން ކުރިއަރުވަން އުފެއްދި "ވުޒާރަތުއް ޒިރާއާ" ނުވަތަ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެވެެ.

މި ދެ ވުޒާރާގެ ވެސް ވަޒީރަކަށް އެއިރު ހުންނެވީ ގަލޮޅުގެ މުހައްމަދު ދީދީ އެވެ. އެހެންކަމުން އެމަނިކުފާނު ވެވަޑައިގެން ދިޔައީ މަސައްކަތްތެރިކަމާ ބެހޭ ފުރަތަމަ ވަޒީރަށެވެ.