ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާއަށް ގޭގައި ބަންދު ކުރުމަށް ހައިކޯޓުން ކުރި ވަގުތީ އަމުރު ސައްހަކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މޯލްޑިވްސް ތާޑްވޭ ޑެމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސްކަން ވެސް ކުަރައްވާ އަދީބު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ގޭބަންދަށް ބަދަލު ކުރީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮންނަތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އަދީބު ގޭބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވާއިރު، އޭނާ މިހާރު ވެސް ހުންނެވީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދުގަ އެވެ.

އަދީބުގެ މައްޗަށް ވަނީ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދީބުގެ މައްޗަށް ސާބިތުވެފައިވާ 10 އަހަރުގެ ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށްފިނަމަ އަދީބްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އަހަރު 23 އަހަރަށް ކުޑަވެގެންދާނެ އެވެ

ފިސްތޯލައެއް ގެންގުޅުނު މައްސަލައެއްގައާއި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު 3 އަހަރެއްހާ ދުވަހު ޖަލުގައި ހޭދަކުރެއްވި ފަހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ގޭބަންދަށް ބަދަލު ކުރި އެވެ. އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހު އޭނާ ވަނީ އަލުން ޖަލަށް ގެންގޮސްފަ އެވެ. އަދީބު އެއިރު އަލުން ޖަލަށް ގެންދިޔައީ އޭނާ ގޭބަންދުގައި ބަހައްޓަން ޑޮކްޓަރުން ލަފާ ދިން މުއްދަތު ހަމަވުމުން ކަމަށް ބުނުމަށްފަހު އެވެ.

އަދީބް ޖަލަށް ގެންދިޔުމުން އޭނާ އަނބުރާ ގޭބަންދަށް ބަދަލު ކުރުމަށް ހައި ކޯޓުން އަމުރު ކުރި އެވެ. ނަމަވެސް ގޭބަންދަށް އަދީބު ބަދަލު ކުރިން ފަހުން، ސުޕްރީމް ކޯޓުން ކުރިން ވަނީ ހައި ކޯޓުގެ އަމުރަށް އަމަލުކުރަން ފަސްކުރުމަށް އަމުރުކޮށްފަ އެވެ.

އަދީބް އަލުން ގޭބަންދަށް ބަދަލުކޮށްފައި މިވަނީ އަދީބުގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި އަދީބްގެ އާއިލާއިންނާއި އަދީބް ނިސްބަތްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ގޮވާލަމުންދާ ވަގުތެއްގަ އެވެ. އަދީބް ގެންދަވަނީ ހަށިގަނޑުގައި ސިސްޓްތަކެއް އުފެދިފައިވާތީއާއި ކިޑްނީގައި ހިލަތަކެއް އުފެދިފައިވާތީ ފަރުވާ ހޯއްދަވަމުންނެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލޮކޮމާއަށް ވެސް އަދީބު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

އަދީބް ޖަލު ބަންދުގައި ހުންނެވިއިރު ވެސް ސިއްހީ ހާލަތު ގޯސްވެގެން އެކި ފަހަރު މަތިން މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފައިވެ އެވެ.

އަދީބް ގޭބަންދަށް ބަދަލުކުރިއިރު އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތުގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ޖަލު ބަންދުގައި ބެހެއްޓުމަށްފަހު މިހާރު ވަނީ މިނިވަން ކޮށްފައެވެ.