ށ. ކަނޑިތީމުގައި ކުނީގެ މައްސަލައަށް ހައްލެއް ނުލިބި ދެ އަހަރު ވެއްޖެ ކަމަށް ކައުންސިލުން ބުނެފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރަށުގައި އަދިވެސް ކުނިކޮށްޓެއް ނެތް ކަމަށެވެ. ރަށުގެ ކުނީގެ މައްސަލަ ބޮޑުވެފައިވާ އިރު ރަށުގައި ކުނި ކޮށްޓެއް ހެދުމުގެ ހުއްދަ އީޕީއޭ އިން މިހާރު ލިބިފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކުނި ކޮށްޓެއް ހެދުމަށް އިޕީއޭގެ ހުއްދަ ލިބުނު ފަހުން ދެ އަހަރުވީ ނަމަވެސް މަސައްކަތުގެ އަމަލީ މަސައްކަތެއް އަދިވެސް ނުކުރެވޭ ކަމަށެވެ. ސައީދު ވިދާޅުވީ މިހާރު ރަށުގައި ކުނި އުކާ ސަރަހައްދަށް ކުނި އުކަނީ ހުރިހާ ވައްތަރެއްގެ ކުނި އެއްކޮށް ކަމަށް،، މިހެން ވުމުގެ ސަބަބުން އެ އެއްޗެހި ނައްތާލުމުގައިވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ކަނޑިތީމުގައި އުފެދޭ ކުނި ވެމްކޯ އިން ބޭރުކޮށްދޭނަމަ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅޭ ކަނޑިތީމަކީ ބިން ބޮޑު ރީތި ރަށެކެވެ. ރަށުގައި މީހުން ދިރިއުޅެނީ ރަށުގެ ނިސްބަތުން ކުޑަ ސަރަހައްދެއްގައި ކަމުން ރަށުގެ ބޮޑު ބަޔަކީ ވާ ސަރަހައްދެވެ.

ސައީދު ވިދާޅުވީ ރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ލިބުމަކީ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ކަމަށެވެ. ރަށުގައި މާބޮޑެތި މައްސަލަތަކެއް ނެތް ނަމަވެސް ރައްޔިތުންނަށް ދަތިވާނެ ފަދަ ކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ.