މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން އިފްތިތާހުކޮށްފި އެވެ.

"މޯލްޑިވްސް ޓްރެވަލް އެވޯޑު"ގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައް ބައިވެރިވެފައިވާއިރު މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ ގްރޭންޑް ޕާކް ކޮއްދިއްޕަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިއަހަރުގެ ޓްރެވެލް އެވޯޑްސްގެ ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ އެވެ. ޕްރިންޓިން ޕާޓްނަރަކަށް ޕްރިންޓްލެބް ހަމަޖައްސާފައިވާއިރު މާކެޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބްލަކް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އަވަސް އޮންލައިން އެވެ. ޕްރޮޑަކްޝަން ޕާޓްނަރަކަށް ލިންކް ސާވް ހަމަޖައްސާފަވާއިރު ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެލައިސް އެވެ.

މީގެ އިތުރުން ކްރިއޭޓިވް ޑިޒައިން ޕާޓްނަރަކަށް ލޫފް ކްރާފްޓް ވަނީ ހަމަޖައްސާފަ އެވެ.

2019 ވަނަ އަހަރުގެ ޓްރެވެލް އެވޯޑްސްގެ ޓްރެވެލް މީޑިއާ ޕާޓްނަރަަކަށް މޯލްޑިވްސް އިންސައިޑަރ ހަމަޖައްސާފަވާއިރު ޕަބްލިޝިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އައިލެންޑް ޗީފް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ އެހެން އަހަރު ތަކެކޭ އެއްފަދައިން މި އަހަރުގެ ޓްރެވެލް އެވޯޑްސްގައި ވެސް ގެސްޓްހައުސް އެޑިޝަނާއި ޕީޕަލްސް އެޑިޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

މި އަހަރުގެ ޓްރެވެލް އެވޯޑްސްގައި ތަފާތު ކަންތައްތަކެެއް ފެނިގެންދާނެކަން ފާހަގަކުރައްވާ ގިޔާސް ވިދާޅުވީ ޓްރިޕް އެޑްވައިޒާގެ ޖަޖިން ކުރައިޓީރިއާ ވެސް މިއަހަރު ތައާރަފްކުރުން ހިމެނޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް، މޯލްޑިވްސް ޓްރެވެލް އެވޯޑްސް، މަޓާޓޯއިން އިން އިންތިޒާމްކޮށްގެން ބާއްވާ މިއީ އަށްވަނަ އަހަރެވެ.

މިއެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.