ވީމީޑިއާގެ ދަށުން ހިންގާ ވީޓީވީ އަދި ވީއެފްއެމުން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ރަމަޟާން މަހަށް ހާއްސަކޮށްގެން ޝައުގުވެރި ގިނަ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ވަނީ ތައްޔާރުވެފައެވެ.

މިގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ޖަހާއިރު ވީޓީވީއާއި ވީއެފްއެމްގެ ރަސްމީ ޕްރޮގްރާމުތައް ފަށާނީ "މަންދޭރަ" ޕްރޮގްރާމުންނެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 10:30ގައި "ހިދާޔަތް" މިނަމުގައި ދީނީ ޕްރޮގްރާމެއް ގެނެސްދިނުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ.

ކޮންމެ ދުވަހަކު ވެސް އެއިރެއްގެ އެންމެ ތާޒާ އަދި އެންމެ ފަހުގެ ހަބަރުތަކާއެކު ހެނދުނު 11:00 ގައި ފަހުގެ ޚަބަރު ގެނެސްދޭނެ އެވެ. ފަހުގެ ޚަބަރަށްފަހު ކޮންމެ ދުވަހެއްގެ 12:30 ގައި "ހާލު ކިހިނެއް؟" މިނަމުގައި ޕްރޮގްރާމެއް ގެނެސްދޭނެއެވެ. ނަމަވެސް ކޮންމެ ހުކުރު ދުވަހެއްގައި 12:35 ގައި ވަގުތުން ގެނެސްދޭނީ އެ ދުވަހުގެ ހުކުރު ނަމާދުގެ މަންޒަރުތަކެވެ.

ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ޖަހާއިރު "އައްސަލާމްއަލައިކުމް" މިނަމުގައި ޕްރޮގްރާމެއް ގެނެސްދޭނެ އެވެ. މި ޕްރޮގްރާމަކީ ދީނީ މައުލޫމާތު ފޯރުކޮށްދޭ ލައިވް ކުއިޒް ޕްރޮގްރާމެކެވެ.

މިޕްރޮގްރާމަށް ފަހު ކޮންމެ ދުވަހެއްގެ 2:00 ޖަހާއިރު ފަހުގެ އެންމެ ތާޒާ ހަބަރުތަކާއެކު "ފަހުގެ ޚަބަރު" ގެނެސްދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.