އިނގިރޭސި ޕްރީމިއާ ލީގުގެ ގަދަ ހަތަރަކުން ޗެލްސީ ވެސް ޖާގަ ޔަގީންކޮށްފި އެވެ.

ޗެލްސީ ގަދަ ހަތަރެއް ޔަގީން ކުރީ ލީގުގައި ރޭ ވަޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗް 3-0 ލަނޑުން ކާމިޔާބުކޮށް ލީގުގެ ގަދަ ހަތަރަކަށް އަރަން ދެން މަސައްކަތް ކުރަމުންދާ ތިން ޓީމަށްވެސް އެޓީމް ކުޅުނު މެޗުތަކުން މޮޅު ނުވެވުމުންނެވެ. ރޭގެ މެޗުގައި ޗެލްސީގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ރޮބެން ލޮފްޓަސް ޗީކް އާއި ޑޭވިޑް ލުއިޒްގެ އިތުރުން ގޮންޒާލޯ ހިގުއެއިންއެވެ.

ލީގުގައި ޗެލްސީއަށް އަދި ބާކީ އެއްމެޗް ކުޅެން އޮތް އިރު ރޭ އެޓީމް ހޯދި މޮޅާއެކު ލީގް ތާވަލްގައި އޮތީ މިހާތަނަށް ކުޅުނު 37 މެޗުން ލިބުނު 71 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނަ މަގާމްގައެވެ.

ރޭގެ މެޗުން ޗެލްސީ މޮޅުވެ ލީގުގެ ގަދަ ހަތަރަކުން ޖާގަ ކަށަވަރު ކުރިއިރު، އެޓީމަށް ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ޔަގީން ވެފައެވެ. މިއީ ޕްރިމިއާލީގުން ޗެމްޕިއަންްސް ލީގުގެ ޖަގާ ޔަގީން ކުރި ތިން ވަނަ ޓީމެވެ. ޗެލްސީ އާއެކު ދެން ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައިވާ އަނެއް ދެޓީމަކީ ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން 94 ޕޮއިންޓް ހޯދައިގެން އެއްވަނަ މަގާމްގައި އޮތް ލިވަޕޫލާއި ލީގުގައި މިހާތަނާށް 36 މެޗް ކުޅެގެން 92 ޕޮއިންޓާއެކު ދެ ވަނަ ހޯދައިގެން އޮތް މެންޗެސްޓާ ސިޓީ އެވެ.