ސްކޮޓްލެންޑުގެ ޓީމެއް ކަމަށްވާ ސެލްޓިކްގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހަމަޖައްސަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން މޮރީނިއޯ މީޑިއާގައި ފާއިތުވި ދުވަސްތަކުގައި އެހާ ގިނަ ވާހަކަތަކެއް ދައްކާފައިނުވާއިރު، ކުރީގެ ކްލަބު ބެންފީކާ އިން ލިބުނު ފުރުސަތަށް ވެސް މޮރީނިއޯ ވަނީ ނޫނެކޭ ބުނެފައެވެ،

ސެލްޓިކްގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސަން އުޅޭކަމަށް އަޑުގަދަވެފައިވީ ނަމަވެސް، މޮރީނިއޯވެސް އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.

މީގެކުރިން މޮރީނިއޯ ބުނެފައިވަނީ އޭނާއަކީ އަދިވެސް މަތީ ފަންތީގެ ކޯޗެއް ކަމަށެވެ. އެގޮތުން މިހާތަނަށް ތިން ޓީމަކުން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އެކަމަކު އެ ހުށަހެޅުންތަކަށް ފުރަގަސްދީފައިވާނެ ކަމަށެވެ.

ސެލްޓިކްގެ މިހާރުގެ ކޯޗަކީ ނީލް ލެނަންއެވެ. އޭގެކުރިން އެ ކްލަބުގެ ކޯޗަކަށް މަސައްކަތް ކޮށްފައިވަނީ މިހާރު ލެސްޓާ ސިޓީއަށް ކޯޗުކަން ކޮށްދެމުން އަންނަ ބްރެންޑަން ރޮޖާސް އެވެ.

ލިވަޕޫލް ދޫކޮށް 2016 ވަނަ އަހަރު ސެލްޓިކަށް ބަދަލުވި ރޮޖާސް ވަނީ އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސްކޮޓިޝް ޕްރިމިއަރޝިޕް 2 ފަހަރު ހޯދުމުގެ އިތުރުން އޭނާ ވަނީ ސްކޮޓިޝް ކަޕް ދެފަހަރު އަދި ސްކޮޓިޝް ލީގު ކަޕް 3 ފަހަރު ހޯދާފައެވެ.