އެހެން މަސްތަކާއި ހިލާފަށް ރޯދަމަސް ފާހަގަކުރެވެނީ ވިޔަފާރިކުރަން ނިކުމެ އުޅޭ މީހުން ގިނަ މަހެއްގެ ގޮތުގައެވެ. އެކަމަކު މިއަހަރުގެ ރަމަޟާން މަހު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ގިނަ ބާވަތްތަކުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަމެވެ. މީގެތެރޭގައި ރޯމަސް މާރުކޭޓްގައި ހުރި މަހުގެ އަގުތައް ވެސް އެއް ވަރެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަކުރެވެއެވެ.

މާލޭގެ މަސްމާރުކޭޓުގައި މިއަދު ގިނަ އަދަދަކަށް ކަނޑުމަހުގެ ބާވަތްތައް ލިބެން ހުރިއިރު ކަޅުބިލަމަސް ކިލޯއެއް ލިބެންހުރީ 35 ރުފިޔާއާއި 40 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އެކަމަކު އިއްޔެ މަސްމާރުކޭޓުގައި ކަޅުބިލަ މަސް ކިލޯއެއް ލިބެންހުރީ 30 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ކަންނެލި ކިލޯއެއްގެ އަގު މިއަދުވެސް 60 ރުފިޔާއަށް ހުރިއިރު ރޯދަމަސް ފެށުނު ފަހުން ކަންނެލީގެ އަގަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ލައްޓި ކިލޯއެއް 25 ރުފިޔާއަށް ލިބެން ހުރިއިރު، މަސްމާރުކޭޓުގައި މިއަދު ރާގޮނޑި ކިލޯއެއް ލިބެންހުރީ 15 ރުފިޔާއަށެވެ.

މާލޭގެ މަސްމާރުކޭޓުގައި ލިބެންހުރި ފަރުމަހުގެ އަގުތަކަށް ބަލާއިރު އެންމެ އަގު ބޮޑުކޮށް ލިބެން ހުރީ ރަތްމަހެވެ. އެގޮތުން އާދައިގެ ވަރެއްގެ ރަތްމަހެއް 130ރުފިޔާއާއި 200 ރުފިޔާއަށް ލިބެން ހުރިއިރު، އެންމެ ބޮޑު ސައިޒުގެ ރަތްމަހެއް ލިބެންހުރީ 450 ރުފިޔާ އަށެވެ. ރަތް މަހުގެ އިތުރުން ދެން އެންމެ އަގުބޮޑުކޮށް ލިބެންހުރީ ގިޔުޅާއި ފިލޮޅުކަން ފާހަގަކުރެވެއެވެ. އެގޮތުން އާދައިގެ ވަރެއްގެ ފިލޮޅެއް އަދި ގިއުޅެއް 70 ރުފިޔާއަށް ލިބެން ހުރިއިރު، ބޮޑު ފިލޮޅެއް އަދި ގިއުޅެއް ލިބެންހުރީ 300 ރުފިޔާ އަށެވެ.

މާރުކޭޓުގައި އާދައިގެ މާނިޔާ މަހެެއް 30 ރުފިޔާއަށް ލިބެންހުރިއިރު ބޮޑު މާނިޔާ މަހެއް ލިބެންހުރީ 100 ރުފިޔާއަށެވެ. ފާނަ މަސް ކިލޯއެއް މިއަދު ބާޒާރުން ލިބެން ހުރީ 40 ރުފިޔާއަށެވެ. އާދައިގެ ކިރުޅިޔާ މަހެއްގެ އަގު 75 ރުފިޔާއަށް ހުރިއިރު ބޮޑު ކިރުޅިޔަ މަހެއްގެ އަގު ހުރީ 100 ރުފިޔާއަށެވެ. މީގެއިތުރުން ދޮންމަސް އަދި ރިއްމަސް ލިބެން ހުރީ 10 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

މަސް މާރުކޭޓުގައި ބޯވާއެއް 250 ރުފިޔާއަށް ލިބެން ހުރިއިރު، ކަންނެލި ބަނޑު ކިލޯއެއް ލިބެންހުރީ 40 ރުފިޔާއަށެވެ.

ކަނޑުމަހާއި ފަރުމަހުގެ އަގުތައް އެހެން ދުވަސްތަކެތެކޭ އެއްފަދައިން އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، މިއަހަރުގެ ރޯދަ މަހުގެ ތެރޭގައި ކަނޑުމަހާއި ފަރު މަހުގެ އަގު ބޮޑުވެގެން ދާނެ ކަަމަށް ނުބެލެވޭ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ. އަދި މީގެ ކުރީގެ ރޯދަ މަސްތަކާއި އަޅާ ބަލާއިރު މިއަހަރުގެ ރޯދަ މަހުގެ ވިޔަފާރި އެހާ ރަނގަޅު ނޫން ކަމަށްވެސް މަސްމާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.