ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފަހު ޖާގަ އިނގިރޭސި ކްލަބު ޓޮޓެންހަމް ހޯދައިފި އެވެ.

މިދިޔަ ހަފުތާގައި ޓޮޓެންހަމް ދަނޑުގައި ކުޅުނު ސެމީފައިނަލް ފުރަތަމަ ލެގުން އަޔަކްސް ވަނީ 1-0 އިން މޮޅުވެފަ އެވެ. އަޔަކްސްގެ ދަނޑުގައި މިރޭ ކުޅުނު ސެމީފައިނަލް ދެވަނަ ލެގުން ޓޮޓެންހަމް މޮޅުވީ 3-2 އިންނެވެ. އެގްރިގޭޓުން ދެ ޓީމު 3-3 އިން އެއްވަރުވި ނަމަވެސް، ޓޮޓެންހަމަށް ކުރިލިބުނީ އަވޭ ގޯލުންނެވެ.

މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޓޮޓެންހަމް އެންމެފަހުން ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުގައި ކުޅެފައިވަނީ 1984 ވަނަ އަހަރު ޔޫއެފާ ކަޕްގައެވެ. އެ ފަހަރު އެޓީމު ވަނީ ޕެނަލްޓީ ޖަހައިގެން ބެލްޖިއަމްގެ އެންޑަލެކް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފައެވެ.

މެޗުގެ ވަރަށް ކުރީކޮޅު އަޔަކްސްއިން ވަނީ ލީޑު ނަގާފައެވެ. 5 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަދި ޒުވާން ޑިފެންޑަރު ޑި ލީޓް އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަކީމް ޒިޔެޙް ކާމިޔާބުކުރި ރީތި ގޯލާއެކު އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ޓޮޓެންހަމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން 55 އަދި 59 ވަނަ މިނެޓުގައި ލޫކަސް މޯރާ ކާމިޔާބުކުރި ދެ ގޯލާއެކު ޓޮޓެންހަމުން އުންމީދު އާކުރިއެވެ.

އަދި ފަހު ސިކުންތުކޮޅު ތެރޭ ލޫކަސް މޯރާ ކާމިޔާބުކުރި ގޯލާއެކު ޓޮޓެންހަމުން އަޔަކްސް ރޮއްވާލިއެވެ.

ސެމީން އަޔަކްސް ކެޓި ނަމަވެސް، އެޓީމު ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ދުނިޔޭގެ ގަދަބާރުތަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާ ކުރިހޯދާފައެވެ. މުބާރާތުގެ ގްރޫޕް ސެޓޭޖުގައި ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު ދެމެޗުން އެއްވަރުވިއިރު، އެޓީމު ވަނީ ދެވަނަ ބުރުގައި މިދިޔަ ތިން ސީޒަނުގައި މި މުބާރާތް ކާމިޔާބުކުރި ރެއާލް މެޑްރިޑް ކަޓުވާލާފައެވެ. އަދި މުބާރާތުގެ ސެމީ ފައިނަލަށް އެޓީމު ވަރުގަދަ ޔުވެންޓަސް ބަލިކުރުމަށްފަހު އެވެ.

ފައިނަލްގައި ޓޮޓެންހަމާ ދެކޮޅަށް ނުކުންނާނީ ވަރުގަދަ ބާސެލޯނާ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ލިވަޕޫލެވެ. އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯގެ ދަނޑުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.