ރާއްޖޭގައި ފްލޯޓިން އައިލެންޑް ހެދުމުގެ މަޝްރޫއު ހިންގުމަށް އަނެއްކާވެސް ޑަޗް ޑޮކްލޭންޑްސްއާއެކު ސޮއިކޮށްފި އެވެ.

ހޮލެންޑްގެ ކުންފުންޏެއް ކަމުގައިވާ ޑަޗް ޑޮކްލޭންޑްސްއާ އެކު ހަމަ މިމަޝްރޫއުގައި މީގެކުރިން ސޮއިކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. އެފަހަރު މާލެ އަތޮޅުގެ ފަސް ފަޅެއް 50 އަހަރަށް ދިވެހި ސަރުކާރާއި ޑަޗް ޑޮކްލޭންޑް ހިއްސާވާ ކުންފުންޏަކަށް ދިނުމަށް އެއްބަސްވި އެވެ. ނަމަވެސް އޭރުގެ ސަރުކާރު ނިމުމަކަށް އައުމާއެކު މި މަޝްރޫއަށް ވީނުވީއެއް ނޭނގި މަސައްކަތް ހުއްޓުނީ އެވެ.

މިމަޝްރޫއުގައި އަލުން ސޮއިކޮށްފައި މިވަނީ ޓޫރިޒަމް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހެވެ. މީގެއިތުރުން ހޮލެންޑުން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވެސް މިރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފައިވެ އެވެ. ސަފީރު ވަނީ މިކަމާ ގުޅޭ ޓްވީޓެއްވެސް ކުރައްވާފަ އެވެ.

މިމަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.