ރާއްޖޭގެ ކަނޑުގެ ސަރަޙާއްދުގައި ދިރިއުޅޭ ތުތިބޯވަދިލަމަހުގެ މަސްވެރިކަން ދަސްކުރަން ބޭނުންވާ ފާރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ތުތިބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒަކަށް ވާއިރު، މިމަސްވެރިކަން ދަސްކުރަން ބޭނުންވާ ފާރާތްތަކަށް އަމާޒުކޮށްގެން ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށަން ނިންމާ، މިޕްރޮގްރާމްގައި ބައިވެރިވާން މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިފަދަ މަސްވެރިކަމަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށާއި މިހާރުވެސް މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް މި ތަމްރީންތަކުގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތަމްރީންތައް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ތެރޭގައި ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. ތަމްރީން ޕްރޮގްރާމު ކުރިއަށްދާނީ ތިއަރީ ބަޔަކާއި އަމަލީ ބައިތަކެއް ހިމެނޭ ގޮތަށް ކަމަށްވެސް މިނިސްޓްރީން މައުލުމާތުދެ އެވެ.

މިތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމް ސަރުކާރުގެ ގެޒެޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ. އަދި ފޯމް ފުރިހަމަކޮށް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އެމިނިސްޓްރީން ވަނީ އެދިފަ އެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައު ވައްތަރުތަކުގެ މަސްވެރިކަމަކަށް ހުޅުވާލުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި އާލާތްތައް ފިޝަރީޒް މިނިސްޓްރީން ހަތް ފަރާތަކަށް ވަނީ މިއަހަރުގެ ތެރޭގައި ދީފަ އެވެ.

މިފްކޯއިން މަސްވެރިންގެ އަަތުން ތުތިބޯވަދިލަމަސް ކިލޯއެއް 180 ރުފިޔާއަށް ގަތްނަމަވެސް، މިފްކޯގެ ފިހާރަތަކުން މިތަކެތި ވިއްކަނީ ކިލޯއެއް 160 ރުފިޔާއާއި، 250

ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އަދި 250 ގްރާމްގެ ކަޓްޕީސް ވިއްކަނީ 75.50 ރުފިޔާ އަށެވެ.

ތުތި ބޯވަދިލަމަސް ނުވަަތަ ޑައިމަންޑް ބެކް ސްކުއިޑަކީ މާކަނޑުގެ ފުން ސަރަހައްދުގައި އުޅޭ ބޯވަދިލަމަހެކެވެ. މިއީ ފެންމަތިން ފެންނަ ބޯވަދިލަ މަހަށް ވުރެ ބޮޑު ބޯވަދިލަ މަހެކެވެ.