ރޯދަ މަހު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތް ތަކުގެ ތެރޭގައި ހިމެނޭ އެކައްޗަކީ ލެޓިއުސް އެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހާ އަޅާބަލާއިރު މިއަދު ލެޓިއުސްގެ އަގުވަނީ ދަށްވެފައި ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

އެގޮތުން މިއަދު މާރުކޭޓުގަިއ ލެޓިއުސް ކިލޯ އެއް ވިއްކީ 120 ރުފިޔާ އާއި 150 ރުފިޔާ އާއި ދެމެދުގެ އަގެއްގައިއެވެ. އެކަމަކު އިއްޔެ ލެޓިއުސް ކިލޯއެއް ވިއްކީ 150 ރުފިޔާއާއި 200 ރުފިޔާ އާ ދެމެދުގެ އަގެއްގައި ކަމަށް ވިޔަފާރި ވެރިން ބުނެއެވެ. ލެޓިއުސްގެ އަގު އިއްޔެ ބޮޑުވީ ޑިމާންޑާ އެއްވަރަށް ލެޓިއުސް ބަޒާރުގައި ވިއްކަން ނުލިބުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ބައެއް ވިޔަފާރިވެރިން ބުނީ ލެޓިއުސްގެ އަގު މިވަގުތަށް ހުރި ގޮތަށް ބަލާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ލެޓިއުސްގެ އަގަށް ބޮޑު ބަނދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ްއިއްޔެއާ އަޅާބަލާއިރު މިއަދު ލެޓިއުސް މާރުކޭޓުގައި ގިނަ ކަންވެސް ފާހަގަ ކޮށްލެވެއެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ހިމެނޭ ފަތްޕިލާވެލީގެ އެހެން ބާވަތްތަަކަށް ބަލާއިރު ކުއްޅަ ފިލާފަތް ބޮޑިއެއް ލިބެނީ 10 ރުފިޔާ އަށެވެ. 100 ގްރާމްގެ މިންޓް ލީފް ފަތް ލިބެން ހުރީ 20 ރުފިޔާ އަށެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހު 15 ރުފިޔާ އަށް ކޮޕީ ފަތް ބޮޑިއެއް ލިބެން ހުރި އިރު މިއަދު ކޮޕީ ފަތް ބޮޑިއެއް ލިބެން ހުރީ 10 ރުފިޔާ އަށެވެ. އަދި ކަންކުން ފަތް ބޮޑިއެއް ލިބެން ހުރީ 8 ރުފިޔާ އަށް ކަން ފާހަގަކޮށްލެވެއެވެ.