ކިހާ މޯލްޑިވްސްގެ މުވައްޒަފުންނަށް އެއްމަހުގެ މުސާރައާއި ރޯދަ އިނާޔަތް ނުދޭކަމަށް ލޭބަރ ޕާޓީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިހާ މޯލްޑިވްސްގެ މުވައްޒަފުންނާ ހަވާލާދީ ލޭބަރ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަސީން ވިދާޅުވީ، ކިހާ މޯލްޑިވްސްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އެއްމަހުގެ މުސާރައާއި ރޯދައެލަވަންސާއި އެތައް މަހެއްގެ ސަވިސްޗާޖްވެސް ނުދޭ ކަމަށް އެތަނުގެ މުވައްޒަފުން ބުނާ ކަމަށެވެ.

ހަސީން ވިދާޅުވީ ކިހާ މޯލްޑްވްސް އަކީ ދިވެހި މެނޭޖްމަންޓަކުން ހިންގާ ރިސޯޓެއް ކަމަށެވެ.

މުވައްޒަފުންނަށް ރޯދަ އެލަވަންސް އާއި ސާވިސްޗާޖާއި ރޯދަ އިނާޔަތް ނުދޭތީ އެކަމުގެ ޝަކުވާ މެނޭޖްމަންޓަށް ހުށަހެޅުމުން އެޝަކުވާ ހުށަހެޅި ތިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ހަސީން ވިދާޅުވިއެވެ.

ހަސީން ވިދާޅުވީ ރިސޯޓުގެ މެނޭޖުމަންޓުން އެމައްސަލަ ހައްލުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާ އެކަންކަން ހައްލުކޮށް މުވައްޒަފުންގެ ހައްގު ހޯދުމަށް މަސައްކަތް ކުރެވޭނޭ ފުރުސަތެއްވެސް ކިހާ މޯލްޑިވްސްއިން ނުދޭ ކަމަށެވެ.

ކިހާ މޯލްޑިވްސްއިން ވަކިކުރި މުވައްޒަފުންގެ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލް ހުށަހަޅާނެ ކަމަށާ އެމުވައްޒަފުންނަށް ގާނޫނީ ގޮތުން ހޯދަދޭންޖެހޭ ހުރިހާ ހައްގުތަކެއް ހޯދައިދިނުމަށް ލޭބަރ ޕާޓީން މަސައްކަތް ކުރާނެކަމަށް ހަސީން ވިދާޅުވިއެވެ.

ހަސީން ވިދާޅުވީ ކިހާ މޯލްޑިވްސްއިން ވަކިކުރި މުވައްޒަފުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެޕާޓީން ދޭނެ ކަމަށެވެ.

އެގޮތުން ހިލޭ ލޯޔަރުން ހަމަޖައްސައިދިނުމާއި، ކޯޓް މަރްހަލާގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ހަސީން ވިދާޅުވިއެވެ.

ހަސީން އިތުރަށް ވިދާޅުވީ ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ލޭބަރ ޕާޓީން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެކަންކަމުގެ ޝަކުވާ އެޕާޓީއަށް ހުށަހެޅުމަށް ހަސީން އެދިވަޑައިގެންނެވިއެވެ.