ސަރުކާރުގެ މުހިންމު ތަންތަނަށް ސެކިއުރިޓީގެ ހިދުމަތް ދެމުން އަންނަ ސަންރައިސް ކްރޯނާ އިންޓަނެޝަނަލްގައި މަސައްކަތް ކުރާ ސެކިއުރިޓީ މުވައްޒިފުންނަށް މުސާރަ ނުދޭތާ 10 މަސްވެފައިވާ ކަމަށް ލޭބާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.

ލޭބާ ޕާޓިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސީން ވިދާޅުވީ ސެކިއުރިޓީގެ ހިދްމަތް ދެމުން އަންނަ ސަންރައިސް ކްރޯނާ އެންޓަރޕްރައިސަސްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ 10 މަސްވެފައިވާ ކަމަށެވެ.

ހަސީން ވިދާޅުވީ ސަންރައިސް ކްރޯނާ އެންޓަރޕްރައިސަސް އަކީ ދައުލަތުގެ މުހިންމު ތަންތަން ކަމަށްވާ ކޯޓްތަކާއި އޮފީސްތައް ފަދަ ތަންތަނުގައި ސެކިއުރިޓިގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށެވެ.

ހަސީން ވިދާޅުވީ ސެކިއުރިޓީންގެ ގޮތުގައި އުޅެނީ ބިދޭސީން ކަމަށާ އެމީހުންނަށް މުސާރަ ނުލިބުމުން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށެވެ.

ސަރުކާރުގެ އިދާރާތަކުން ސަންރައިސްއަށް ދޭންޖެހޭ ފައިސާ ހުރީ ދީފައި ކަމަށާ އެހެން ނަމަވެސް އެކުންފުނިން މުވައްޒަފުންނަށް 10 މަސްދުވަހުގެ މުސާރަ ނުދެނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް ހަސީން ވިދާޅުވިއެވެ.

އެމައްސަލާގައި ވާހަކަދައްކައިގެން ހައްލުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާ ވާހަކަ ދައްކައިގެން ހައްލުވާނަމަ 10 މަސް ދުވަހުގެ މުސާރަ މިއަދާއި ހަމައަށް އައިއިރު އޮންނަންވާނީ ދީފައި ކަމަށް ހަސީން ވިދާޅުވިއެވެ.

ހަސީން ވިދާޅުވީ އެ މީހުންގެ މައްސަލަތައް ލޭބާރ ރިލޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލަ ހައްލުނުވާކަމަށް ވާނަމަ އެމުވައްޒަފުންގެ ހައްގުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާ ހަސީން ވިދާޅުވިއެވެ.