ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނަށް ހުޅުވާލައިގެން މޯލްޑިވްސް ސޮކާ މޭޓްސްއިން އިންތިޒާމުކުރާ ރަމަޟާން ވެޓެރަންސް ކަޕްގައި މިއަދު ކުޅުނު މެޗު ކުލަބް ގްރީންސްޓްރީޓްސް ކާމިޔާބުކޮށްފިއެވެ.

މާފަންނު ޓާފް ދަނޑުގައި ކުޅުނު މި މެޗު ކުލަބް ގްރީންސްޓްރީޓްސް ކާމިޔާބުކުރީ ޕޮލިސް ކުލަބާއި ވާދަކޮށް 5-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ގްރީންސްޓްރީޓްސްގެ ފުރަތަމަ ގޯލު 15 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. ދެވަނަ ގޯލު 46 ވަނަ މިނެޓުގައި މުހައްމަދު ޒެނިތު ކާމިޔާބުކޮށްދިން އިރު މި ގޯލު ޖެހިތާ ދެ މިނެޓު ފަހުން މުހައްމަދު ޝާޒްލީ ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހާފައެވެ. އަދި ހަތަރުވަނަ ގޯލު މެޗުގެ 50 ވަނަ މިނެޓުގައި އަހުމަދު ނާޝިދު ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ފަސްވަނަ ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝާޒްލީ އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރެއެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، އޭދަފުށި ވެޓެރަންސް ފުޓްބޯލް ކްލަބުގެ އިތުރަށް ކްލަބު ގްރީން ސްޓްރީޓްސް އާއި، ޕޮލިސް ކްލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ދިވެހި ސިފައިންގެ ކްލަބާއި ކްލަބު އީގަލްސް އެވެ.

މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. އަދި ލީގު ބުރު ނިމޭއިރު، އެންމެ ގިނަ ޕޮއިންޓު ލިބޭ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗަށްފަހު އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ.

މުބާރާތުގައި ހުކުރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދިވެހި ސިފައިންގެ ކުލަބެވެ.