ސިޔާސީ ކެމްޕޭނު އެއްވުމެއްގައި ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާރޓޭ ވާހަކަފުޅުދައްކަވާން ހުންނަވަނިކޮށް ކުރަތްޕެއް އޭނާގެ ކޮނޑުގައި ޖެއްސުމުން ކޯފާ އިސްކުރައްވައި ފެއްސިގެން ހިނގައިދާށޭ ވިދާޅުވެއްޖެއެވެ.

ފިލިޕީންސްގެ ބޮހޯލް ޕްރޮވިންސްގެ ސެނޭޓުގެ ގޮނޑިއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ އެއްވުމެއްގައި ރައީސް ޑުޓާރޓޭ ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށް އޭނާގެ ކޮނޑަށް ތިރިކުރީ ކުރަފީގެ ތެރެއިންވެސް ބިޔަ އެއްޗެކެވެ. ކުރަފި ފެނުމުން ޑުޓާރޓޭގެ އެހީތެރިންގެ ތެރެއިން އަންހެނަކު އެސޮރު ފައްސާލަން އުޅުމުން ކުރަފި ދެން ފޭބީ ރައީސްގެ ބަނޑާއިދިމާލުން އޭނާގެ ޓީޝާޓަށެވެ.

އެހިސާބުން ކޯފާ އިސްކުރައްވައި ކިހާދެރަކަމެއްހޭ މަށަށް އުނދަގޫނުކޮށް ފެއްސިގެން ހިނގައިދާށޭ ވިދާޅުވެ އަތްހޫރާލެއްވުމުން ކުރަފި އުދުހިގެން ހިނގާއްޖެއެވެ.

ކުރަފި އުދުހިގެން ދިޔައިމާ ބިންމަތީގައި ވަރަށް ބާރަށް ފައިންޖައްސަވައިފައި ރައީސް ޑުޓާރޓޭ ވިދާޅުވީ އެވާނީ އިދިކޮޅު ލިބަރަލް ޕާޓީން އޭނާޔާއި ފާކުރި އެއްޗެއްކަމަށެވެ. މިހެން ވިދާޅުވުމުން އަޑުއަހާން ތިބި މީހުންވެސް ތަރުހީބުދީ އަތްތިލަބަޑިޖަހައި ހީހީފައި އުޅުނެވެ.

"އެއީ ލިބަރަލް ޕާޓީގެ ކުރަތްޕެެއް. އެކަން ހަމަ ޔަގީން" ރައީސް ޑުޓާރޓޭ ވިދާޅުވިއެވެ. ކުރަފީގެ ތުރާ ކުރިމަތިވިޔަސް އޭނާގެ ތަގުރީރު ދެގަޑިއިރަށް ކުރިއަށް ގެންދެވިއެވެ. ރައީސް ޑުޓާރޓޭއަކީ ގިނައިރު ތަގުރީރުކުރެއްވުމަށް ވަރަށް މަޝްހޫރު ބޭފުޅެކެވެ.