މުސްލިމުންނަކީ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރުމުގައި ވަކި ދީނެއްގެ ބަޔަކު އިސްތިސްނާ ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ތަގުރީރުކުރައްވަމުން ރައީސް މައުމޫނު ވިދާޅުވީ މުސްލިމުންނަކީ ކޮންމެ ދީނެއްގެ ބަޔަކަށްވެސް އިހްތިރާމް ކުރަންޖެހޭނެ ބައެއް ކަމަށެވެ. އަދި އިންސާނުން މިދުނިޔެ މަތީގައި އުޅެންޖެހޭނީ އެންމެން އެކީ އުޚުއްވަތްތެރިކަމާއި އެކީގައި ކަމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ މުޖުތަމައުގައި އޮންނަންވާނީ ހަމަޖެހުމާއި ސުލްހަވެރިކަމާއި އަޚުވަންތަކަން ކަމަށެވެ. އަދި މުސްލިމުން އެކަކު އަނެކަކަށް އިހްތިރާމްކޮށް، އެކަކު އަނެކަކުގެ ހައްގުތަކަށް ރައްކާތެރިވާން ޖެހޭނެ ކަމަށެވެ. މުސްލިމުންނަކީ ރީތި ދިރިއުޅުމެއް އުޅޭ، މާތް އަޚުލާގެއްގެ ބަޔަކަށް ވާން ޖެހޭނެ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ ރަމަޟާން މަހު ކީރިތި ޤުރުއާން ބާވައިލެއްވުމުގެ މައިގަނޑު އެއް މަގްސަދަކީ އިންސާނުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމާއި ސުލްހަވެރިކޮށް އުޅުމަށް ގޮވައިލުން ކަމަށެވެ. ރައީސް މައުމޫނު ވިދާޅުވީ އިންސާނުންގެ ނަސްލާއި ކުލައާއި ދީނަށް ނުވަތަ ގައުމަށް ބެލުމެއް ނެތި އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމުގައި ދެކެންޖެހޭނެ ކަމަށެވެ.

އަދި އެކަން ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި އެއްވެސް ދީނެއްގެ ބަޔަކު އިސްތިސްނާ ނުކޮށް އެއްބަޔަކު އަނެއްބަކަޔަށް އިހްތިރާމް ކުރުމަށް ކީރިތި ޤުރުއާން ބާރުއަޅާ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

ކީރިިތި ރަސޫލާގެ އަމަލުފުޅުތައް ވެސް ބެހެއްޓެވީ ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށްކަން ފާހަގަކުރައްވައި، މައުމޫން ވިދާޅުވީ ހުރިހާ މުސްލިމުން ވެސް އަމަލުކުރަން ޖެހޭނީ އެގޮތަށް ކަމަށެވެ. ރަސޫލާ ހެދުން އެޅުއްވި ގޮތަށް ހެދުން އަޅަން މަސައްކަތް ކުރުމުގެ ބަދަލުގައި މުސްލިމުން ކުރަންޖެހޭ ކަމަކީ ރަސޫލާގެ އަމަލުފުޅުތަކުން މިސާލު ލިބިގަނެ، އެމީހެއްގެ އަމަލުތައް އެގޮތުގައި ބެހެއްޓުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.