ލޭ އެޅުމުގެ ތެރޭގައި އެޗްއައިވީގެ އަސަރުހުރި ލޭ މީހެއްގެ ގަޔަށް އެޅި އެމީހާއަށް އެއިޑްސް ޖެހިފައިވާ ކަމަށް ބެންކޮކްގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުން އެއްބަސްވެއްޖެއެވެ.

ބުމްރުންގްރާޑް އިންޓަރނޭޝަނަލް ހޮސްޕިޓަލުގެ އިހުމާލުން މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށް ތައިލެންޑުގެ ނޫސްތަކުގައި ލިޔަން ފެށުމުން އެހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތާގައި އެޑްމިޓްކުރެވިފައިވާ ބަލިމީހެއްގެ ގަޔަށް އެޗްއައިވީގެ އަސަރުހުރި ލޭ އެޅިފައިވާ ކަމަށާއި އެކަމާ ވަރަށް ދެރަވެ ހިތާމަކުރާކަމަށެވެ. އެލެޔަކީ ބުމްރުންގްރާޑު ހޮސްޕިޓަލުން ނަގާފައިވާ ލެއެއް ނޫން ކަމަށާއި އެއީ ތައިލެންޑުގެ ރެޑްކްރޮސްގެ ބްލަޑް ސެންޓަރުން ލިބިފައިވާ ލެއެއްކަމަށްވެސް ބުނެފައިވެއެވެ.

ކޮންމެތާކުން ލިބުނު ލެޔަކަށްވިޔަސް މީހެއްގެ ގަޔަށް ލޭ އެޅީ ބުމްރުންގްރާޑު ހޮސްޕިޓަލުންކަމަށްވާތީ ބަލިމީހާ ދުނިޔޭގައި ހުރިހާ ދުވަހަކު މުޅިން ހިލޭ އޭނާއަށް ފަރުވާދޭނެކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެޗްއައިވީގެ އަސަރު ހުރި ލޭ އެޅުނު މީހާޔަކީ ކުރީއްސުރެ ލޭގެ ކެންސަރަށް ބުމްރުންގްރާޑް ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ޒުވާނެކެވެ. މިހާރު އުމުރުން ސައުވީސް އަހަރުވީ އެޒުވާނާއަށް އެތަނުން ފަރުވާދެމުން ދަނީ އޭނާގެ އުމުރުން ނުވައަހަރުން ފެށިގެންނެވެ.

ބުމްރުންގްރާޑް އިންޓަރނޭޝަނަލް ހޮސްޕިޓަލަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގްބޫލުތަނެކެވެ. ބޭސްފަރުވާއަށް ތައިލެންޑަށް ފުރާ ގިނަދިވެހިންގެ މަންޒިލަކީ ބުމްރުންގްރާޑެވެ.