ރޯދަމަހު އާންމުގޮތެއްގައި ހުރިހާ ގެތަކުގައިވެސް އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ ފަތްޕިލާވެލީގެ ބާވަތްތަކެވެ. މިލިޔުމުގައި ބަލައިލާނީ ގާކޮށި މާރުކޭޓުގައި މިއަދު އެކި ވައްތަރުގެ ފަތުގެ އަގުތައް ހުރި ނެތްގޮތަށެވެ.

ގާކޮށީ މާރުކޭޓަށް މިއަދު ޒިޔާރަތްކޮށްލުމުން ފާހަގަވީ ފަތުގެ ބާވަތްތައް އެހާ ތިޔާގިނޫންކަމެވެ. ބައެއް ގޮޅިތަކުގައި ތާޒާ ފަތް ލިބެން ހުރި ކަމުގައިވިޔަސް ގިނަ ގޮޅިތަކުގައި ލިބެންހުރީ އެހާ ތާޒާ ފަތް ނޫންކަން ފާހަގަކޮށްލެވެއެވެ.

ފަތުގެ ބާވަތްތަކުގެ އަގުތަކަށް ބަލާލާއިރު ލެޓިއުސްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިއްޔެ ދަތުރުވެރިންގެ މާރުކޭޓުގައި 120 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދު އަގެއްގައި ވިއްކި ލެޓިއުސް ފަތް މިއަދު މިމާރުކޭޓުގައި ވިއްކަން ހުރީ ކިލޯއެއް 80 ރުފިިޔާއަށެވެ. ރޯދަމަސް ފެށުނު ފަހުންވެސް ލެޓިއުސް ކިލޯއެއް 200 ރުފިޔާއަށް ވިއްކިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ދިވެހިން އާންމުގޮތެއްގައި މަސްހުނި ނުވަތަ ސަޓަނި ހެދުމަށް ބޭނުންކުރާ ކޮޕީފަތް މިއަދުވެސް ވިއްކަންހުރީ ރޯދަމަހުގެ ފުރަތަމަ ދުވަހެކޭ އެއްއަގެއްގައި ފަނަރަ ރުފިޔާއަށް ބޮނޑިއެކެވެ. އެކަމަކު ބައެއް ގޮޅިތަކުގައި 20 ރުފިޔާއަށް ވެސް ކޮޕީފަތް ބޮނޑިއެއް ވިއްކަން ހުއްޓެވެ. އަދި ކުއްޅަފިލާފަތް ބޮނޑިއެއް ބައެއް ގޮޅިތަކުގައި 10 ރުފިޔާއަށްވެސް ވިއްކަން ހުށްޓެވެ.

މިރުހުގެ އަގަށް ބަލާލާއިރު ސަތޭކަ ގްރާމް ކަނޑޫދޫ މިރުސް އަދިވެސް ލިބެންހުރީ 70 ރުފިޔާއަށް، 80 ރުފިޔާއަށެވެ. އެކަމަކު އެހެން ހިސާބުތަކުގެ މިރުސް މިއަށްވުރެ އަގުހެޔޮކޮށް ލިބެންހުރިކަން ފާހަގަކޮށްލެވެއެވެ.