އީރާނުން ފޮނުވާލާ އެންމެ މިސައިލަކުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ގާފިލާ ފުނޑުފުނޑުކޮށްލާނޭ ކަމަށް އީރާނުގެ އިސް ދީނީ އިލްމުވެރިޔަކު ވިދާޅުވެއްޖެއެވެ.

އީރާނުގެ މެދުތެރޭ ރަށެއް ކަމަށްވާ އިސްފަހާންގެ މިސްކިތެއްގައި މިއަދު ކުރެވުނު ހުކުރު ނަމާދުގެ ހުތުބާގައި އާޔަތުﷲ ޔޫސުފް ޠަބަޓަބާއި-ނީޖާދު މިހެން ވިދާޅުވީ، އީރާނާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވެ، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަރު އަބްރަހަމް ލިންކަން އީރާނާ ގާތުން ގަލްފަށް ފުރުވާލި ޚަބަރާ ގުޅިގެންނެވެ.

އަބްރަހަމް ލިންކަން މެދުއިރުމައްޗަށް ފުރުވާލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށެވެ. މިއީ، އެމެރިކާ ސަރުކާރުން އީރާނަށް އިންޒާރު ދިނުމުގެގޮތުން އަޅާ ފިޔަވަޅެއް ކަމަށް ވެއެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު އަބްރަހަމް ލިންކަން އިއްޔެވަނީ މިސްރުގެ ސުއޭޒް ކަނޑުއޮޅި ހުރަސްކޮށް ގޮސްފައެވެ.

މިއަދުގެ ހުކުރު ހުތުބާގައި އާޔަތުﷲ ޔޫސުފް ޠަބަޓަބާއި-ނީޖާދު ވިދާޅުވީ، އީރާނުން ފޮނުވާލާ އެންމެ މިސައިލަކުން އެމެރިކާގެ ގާފިލާ ފުނޑުފުނޑު ކޮށްލެވިދާނޭ ކަމަށެވެ.

"އެމީހުންގެ ބިލިއަން ޑޮލަރުގެ ގާފިލާ އެންމެ މިސައިލަކުންވެސް ފުނޑުފުނޑު ކޮށްލެވިދާނެ" އާޔަތުﷲ ޔޫސުފް ވިދާޅުވި ކަމަށް އީރާނުގެ އިސްނާ ނޫސް އޭޖެންސީން ރިޕޯޓް ކޮށްފައި ވެއެވެ.

އީރާނުގެ ފަރާތުން ނުރައްކާ ކުރިމަތިވަމުންދާ ކަމަށްބުނެ އެމެރިކާއިން މިހާރަށްވެސް ވަނީ، ގަތަރުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހަށް ބީ-52 ބޮންއަޅާ މަތިންތާ ބޯޓްތައް ފޮނުވާފައެވެ.

އަނެއްކޮޅުން، އީރާނާއެކު މަޝްވަރާ ކުރުމަށް ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުމާ އީރާނުގެ އިންގިލާބީ ގާރޑުންވަނީ ދެކޮޅު ހަދާފައެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވީ، އަސްކަރީ ކުރިމަތިލުމެއް ނުހިނގާނޭ ކަމަށް ނުދެންނެވޭނޭ ކަމަށެވެ.

އެހެންވެ، އީރާނުން ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށްޓަކައި އިށީނދެތިބި މަޝްވަރާކުރަން އީރާނުގެ ވެރިންނަށް ޓްރަމްޕް އިއްޔެވަނީ ގޮވާލައްވާފައެވެ.

"އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ. އަހަރެމެންނަށް ހަމަލާ ދޭކަށްވެސް އެމެރިކާއަކަށް ނުކެރޭނެ. އެމެރިކާއަކީ އަހަރެމެންގެ ގައުމުން އެއްވެސް ކަމެއްގައި އިތުބާރުކުރާ ބައެއްނޫން" އީރާނުގެ އިންގިލާބީ ގާރޑުންގެ ސިޔާސީ ގޮފީގެ ނާއިބް ޔަދައުﷲ ޖަވާނީ ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ނަމާދަށްގަހު އީރާނުގެ އެތައްހާސް ރައްޔިތުންވަނީ، ސަރުކާރަށް ތާއީދުއޮތްކަން ހާމަކުރުމުގެ ގޮތުން ތެހެރާނުގެ މަގުތަކުގައި ހިނގާފައެވެ. ވެރިރަށުގެ އިތުރުން، އީރާނުގެ އެހެން ރަށްތަކުގައިވެސް ހިނގާލުންތައް ބާއްވާފައި ވެއެވެ.