ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދޫންޏެއް ކަމަށްވާ "ކަކަޕޯ" ގުރައެއްގެ ސިކުނޑީގެ އޮޕަރޭޝަނެއްކޮށް އެއިގެ ފުރާނަ ސަލާމަތްކޮށްފިއެވެ.

ނިއުޒިލެންޑުގެ ޖަނަވާރުންނަށް ޚާއްސަ ޑޮކްޓަރުން މި އޮޕަރޭޝަން ކޮށްފައިވާއިރު، މިއީ މިފަދަ ޖަނަވާރެއްގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ. އުމުރުން 56 ދުވަސް ވެފައިވާ މި ގުރާގެ އޮޕަރޭޝަން ކޮށްފައިވަނީ ސިކުނޑީގެ ނާށިގަނޑުގައި ލޯވަޅެއް އެޅިފައިވުމުގެ ސަބަބުންނެވެ.

ނިއުޒިލެންޑްގައި އެކަނި ދިރިއުޅޭ މި ބާވަތުގެ ގުރައަކީ މިހާރު ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ޖަނަވާރެކެވެ. އެ ޣާއުމުގައި މިވަގުތު ދިރިއުޅޭ ކަމަށް ބެލެވެނީ މި ވައްތަރުގެ އެންމެ 144 ދޫންޏެވެ.

އުދުހުމުގެ ކުޅަދާނަކަން ލިބިފައިނުވާ މި ވައްތަރުގެ ދޫންޏަކީ ޝިކާރަވެރިންގެ ނުރައްކާ ކުރިމަތިވެފައިވާ ޖަނަވާރެކެވެ. "އެސްޕީ 1ބީ"ގެ ނަން ދީފައިވާ މި ގުރާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައިވަނީ، އެ ޖަނަވާރުގެ ބޮލުގައި އާދަޔާ ޚިލާފު ސިފަތަކެއް ހުރިކަން ބޭރުފުށަށް ފެންނަން ހުރުމުންނެވެ.